ރާއްޖޭގައި 22 މީހަކަށް އެއިޑްސް ޖެހިފައި، ގިނައީ ފިރިހެނުން

އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފަސޭހައިން ފެތުރޭ އާދަތައް ދިވެހިންގެ ތެރޭގައި އެބަހުރި ---

ރާއްޖޭގައި އެއިޑްސް ބަލި ޖެހިގެން ފަރުވާ ހޯދައި 22 މީހުން އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް (އެޗްއައިވީ)ގެ ޒަރީއާއިން ޖެހޭ އެއިޑްސް ބަލި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކައި ގޮތުގައި، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެ ބަލި ޖެހިފައި ތިބި 40 މީހަކު ފެނިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި އެއިޑްސް ޖެހިފައި ތިބި 15 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށާއި 22 މީހަކު މިހާރު ވެސް ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

އެޗްއައިވީއަށް ރާއްޖޭގައި ދެމުން އަންނަ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. އެއީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުޅިން ހިލޭ ދެމުން އަންނަ ފަރުވާއެކެވެ. އަދި އެޗްއައިވީއިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ، "ޕްރެޕް" ވެސް ރާއްޖެގައި ލިބެން ހުރެއެވެ.

ބަލި ފެތުރޭ ގޮތްތައް:

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން.
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި އަނެކާ ބޭނުންކުރުން.
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް ބަލިޖެހުން.
  • އެޗްއައިވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން.

އެޗްއައިވީ އިން ރައްކާތެރި ވެވޭނެ ގޮތްތައް:

  • އެޗްއައިވީ ޖެހިފައިނުވާ ވަފާތެރި އެއް ބައިވެރިއަކާއެކު ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުންކުރުން.
  • އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން.
  • ސިއްހީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އިން ރައްކާތެރިވުމަށް ޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފުރިހަމަކުރުން.
  • މާބަނޑު ދުވަސްވަރު ދުރާލާ އެޗްއައިވީއަށް ޓެސްޓުކޮށް ޕޮޒިޓިވްވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުމުން ރައްކާތެރި ކުރެވޭނެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ބައްޔަށް ޓެސްޓުކޮށް ބަލި ނެތްކަމުގެ ޔަގީންކަން އަމިއްލައަށް ހޯދުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކާކުކަން ނޭނގޭގޮތަށް އަދި ނަތީޖާ އެއްވެސް ފަރާތަކަށް ހާމަނުކުރެވޭ ގޮތަށް ވެސް ޓެސްޓު ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ބަލިވެ އިންނަތާ އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުން ވަރަށް މުހިންމެވެ. އެއީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް