ރައީސް، އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ އެކު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނައާ ބައްދަލުކުރައްވައިފިއެވެ.

ރައީސް، އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކުރެއްވީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް މުއިއްޒު ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފައެވެ.

އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮޕް 28 ސަމިޓަށް ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް ކުރައްވައިފައެވެ. އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބް އުރެދުގާނާ ވެސް ވަނީ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފައެވެ.

comment ކޮމެންޓް