މާލޭގެ ކޮންމެ ވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބޭރު މީހުން މަސައްކަތްކުރާ ކަމަށެވެ. އަދި، އަމުދުން ވެރިރަށް މާލޭ ސިޓީގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ ބޭރު މީހުން އުޅެމުންދާ ކަމަށެވެ.
އެހެންވެ، ކޮންމެ ވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާ މެދު ރައްޔިތުންގެ ޚިޔާލު ބަލައިލަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހެން މި ދެންނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަޚްލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެ މީހުން ދަންނަ ބަހަކުން އިވޭ ޚުތުބާގެ ދައުރު މުހިއްމު ކަމަށް ފެންނާތީއެވެ،" ޝަހީމް ވިދާޅުވިއެވެ.
އެކަމަކު، މިނިސްޓަރު ވިދާޅުވީ މިއީ އަދި ހަމައެކަނި ޚިޔާލު ހޯދުމުގެ މަގުސަދުގައި ކުރި ޕޯސްޓެއް ކަމަށެވެ.
މާލޭގައި މިހާރު ޚުތުބާ ކިޔަނީ ހަމައެކަނި ދިވެހި ބަހުންނެވެ. އެކަމަކު، ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު މިސްކިތްތަކުގެ ޖަމާއަތުން އާންމުކޮށް ބިދޭސީން ފެނެއެވެ.