ބަލީގެ ކޭސްތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޗައިނާއިން ބުނެފި

ޗައިނާގެ ހޮސްޕިޓަލެއްގައި ބަލިމީހުން މަޑުކޮށްގެން. މިހާރު ފެތުުރެމުންދާ ބަލި ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ޗައިނާއިން ބުނޭ. ފޮޓޯ/ދަ ޓެލްގްރާފް

ޗައިނާގައި މިހާރު ފެތުރެމުންދާ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކީ ހުރިހާ ގައުމެއްގައިވެސް އުޅޭ އާންމު ބައްޔެއް ކަމަށާއި އެ ގައުމުގައި އެ ބަލި ކޮންޓްރޯލުވެފައިވާ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

އެންބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިދިޔަ ހަފުތާގައި ވަނީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމާއި ކުޑަކުދިންނަށް ނިއުމޯނިއާ ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެކަމުގެ ތަފްސީލީ މައުލޫމާތު ދިނުމަށް ޗައިނާގައި އެދިފައެވެ.

ނަމަވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވި ގޮތުގައި ޗައިނާގައި ބަލިމަޑުކަން އިތުރުވެފައިވާ މިންވަރު ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް ވަރަށްވުރެ ދަށެވެ. އަދި ފަހުގެ ކޭސްތަކުން އާ ނުވަތަ އާދަޔާ ހިލާފު އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް އޮފިޝަލު މައުލޫމާތު ދެއްވައެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުއާ އެކު ޗައިނާއިން ކުރާ މުއާމަލާތްތަކަށް އެއްވެސް ކަމެއްގެ އަސަރެއް ނުކުރާނެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗައިނާއަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔަން." އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.

އަނެއްކޮޅުން ޗައިނާއާ މާބޮޑު ގުޅުމެއް ނޯންނަ ޓައިވާނުގެ ސިއްހީ ވުޒާރާއިން ވަނީ އުމުރުން ދުވަސްމީ މީހުންނާއި ޒުވާނުންގެ ތެރެއިންވެސް ދިފާއީ ނިޒާމް ދަށް މީހުން ޗައިނާއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޓައިވާނުގެ ސިއްހީ ވުޒާރާއިން ކޮންމެ ހަފުތާއަކު ބާއްވާ ކެބިނެޓް ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ދިފާއީ ނިޒާމު ދަށް އެހެން މީހުން ޗައިނާ، ހޮންކޮންގް އަދި މަކާއޯއަށް ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ދަތުރު ކުރަން ކޮންމެހެން ޖެހިއްޖެނަމަ، ރޯގާއިން ދިފާއުވުމަށް ޖަހާ ވެކްސިނާއި ކޯވިޑް ވެކްސިން ޖަހައިގެން ދިއުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޫހާނުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ފެތުރޭކަން ރިޕޯޓުކުރިލެއް ލަސްވުމުން ޗައިނާއާއި ޑަބްލިއުއެޗްއޯ ދެމެދު ވަނީ ހިޔާލުތަފާތުވެފައެވެ.

comment ކޮމެންޓް