ގްރީންވުޑަށް ލަލީގާގެ ދެ ކްލަބެއްގެ ޝައުގުވެރިކަން

ލޯނުގެ ދަށުން ގެޓާފޭއަށް ކުޅެމުންދާ އިނގިރޭސި ފޯވަޑް މޭސަން ގްރީންވުޑް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް މޭސަން ގްރީންވުޑް ގެންދިއުމަށް ސްޕެނިޝް ލަލީގާގެ ދެ ކްލަބަކުން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޯނުގެ ދަށުން މި ސީޒަނުގައި ގެޓާފޭއަށް ކުޅެމުންދާ އުމުރުން 22 އަހަރުގެ ގްރީންވުޑްގެ ކުޅުން ވެލެންސިއާ އަދި ރެއާލް ސޮސިއެޑާޑްއިން ދަނީ ގާތުން ބަލަމުންނެވެ.

ގެޓާފޭއާ އެކު ގްރީންވުޑް ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ނިމުމާ އެކު އޭނާ އެނބުރި ޔުނައިޓެޑަށް ދާން ޖެހުނު ނަމަވެސް، އެ ކްލަބާ އެކު އޭނާއަށް ކުރިމަގެއް އޮތް ކަމަކަށް ނުބެލެވެއެވެ. ޔުނައިޓެޑުން ލޯނުގެ ދަށުން ގްރީންވުޑް ދޫކޮށްލާފައިވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ކްލަބުން ވެސް ވަކިން ހިންގި ތަހުގީގުތަކަކަށް ފަހުއެވެ.

މި ސީޒަނުގައި ގެޓާފޭއަށް ގްރީންވުޑް ރަނގަޅު ކުޅުމެއް ދައްކަމުންދާ އިރު، އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 11 މެޗުން ދެ ގޯލު ކާމިޔާބުކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު އަލްމޭރިއާ އަތުން 2-1ގެ ނަތީޖާއަކުން ގެޓާފޭ މޮޅުވި މެޗުގައި ވެސް ގްރީންވުޑްގެ ހިތްގައިމު ގޯލެއް ފެނިގެންދިޔައެވެ.

ލަލީގާގައި ގެޓާފޭ މި ވަގުތު އޮތީ ލީގުގައި ކުޅުނު 14 މެޗުން ހޯދި 19 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ލީގުގައި ގެޓާފޭއިން އަންނަ ހޮނިހިރު ދުވަހު ނުކުންނަން ޖެހޭނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.

comment ކޮމެންޓް