ރާއްޖެއާއި ތުރުކީގެ ގުޅުމުގެ އާ ބާބާއެކު އުންމީދަކީ އެއްބާރުލުން ފުޅާވުން: ރައީސް

ރައީސް މުއިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ބައްދަލުކުރެއްވުން-- ފޮޓޯ/ ތުރުކީގެ ރައީސް އޮފީސް

ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް އުފެދި އެކި ދާއިރާތަކުން އެއްބާރުލުމާއި އެކުވެރިކަން ދެމެހެއްޓޭނެކަމަށް ޔަގީންކުރައްވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި، ފުރައިވަޑައިގަތުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އެކުވެރިކަމުގެ މި އާ ބާބާއެކު އެކި ދާއިރާތަކުން ފުޅާ ދާއިރާގައި އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށެވެ.

ހަމައެއާއެކު ރައީސްވަނީ ރާއްޖެއާމެދު ތުރުކީން ބާއްވާ ގާތްކަމަށް އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށާއި އެ ގައުމުގެ ސަރުކާރުގެ އެހެނިހެން ވެރިންނަށް ޝުކުރު އަދައިކުރައްވާފައެވެ.

މިދިޔަ ހޯމަ ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގަތީ އުރުދުޣާންގެ ރަސްމީ ދައުވަތުފުޅަކަށެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ސަރުކާރު ވަޒީރުންގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ދަތުރުފުޅުގައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވިފައިވެއެވެ. ހަމައެއާއެކު މުހިންމު ބައްދަލުކުރެއްވުންތައް ވެސް ބާއްވައިފައިވެއެވެ.

comment ކޮމެންޓް