ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދޭ "ލޮސް އެންޑް ޑެމޭޖް ފަންޑް" އިން ފަސޭހަ ކަމާއެކު އެހީ ލިބޭނެ ގޮތްތައް ފަހިކޮށް ދިނުމަށް އެދި، ކޮޕް-28 ސަމިޓްގައި ވަކާލާތު ކުރައްވާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް މިއަދު ވިދާޅުވެއްޖެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޔޫއޭއީގައި ބާއްވާ ކޮޕް-28 ސަމިޓަށް ފުރައިވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ޠާރިޤް ވިދާޅުވީ ކޮޕް 27 ގައި އިޢުލާނުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑް" ހުޅުވައިލުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުދުރަތީ ކާރިސާއެއް ދިމާވުން އެކަމުން އަރައިގަތުމަށް ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ވަރަށް އިތުރު ކަމަށެވެ. ފައިސާ ލިބުމުގައި ލަސްތަކެއް ހުރުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، ބޭނުންވާ ފައިސާ ބޭރު ގައުމުތަކުން މި ފަންޑަށް ހޯދުމާއި އަވަހަށް ފައިސާ ލިބޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސަައި ދިނުމަށް ބައްދަލުވުމުގައި އެދިއްލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަމިޓުގައި ގިނަކަންކަމާ މެދު މަޝްވާކުރެވޭނެ، އަަދި އޭގެ ފައިދާ ޤައުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ހަދާފައިވާ "ލޮސް އެންޑް ޑެމޭޖް" ފަންޑު މެދުވެރިކޮށް ފަސޭހައިން ފައިސާ ހޯދޭގޮތް ހެދުމަށް ވަކާލާތު ކުރެވިގެންދާނެ،" މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރިޕޯޓްތަކުން ދައްކާގޮތުން މިހާރުވެސް ދުނިޔޭގެ ހޫނިމިން ވަރަށް މައްޗަށް ގޮސްފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ. އަދި، މި ކަމަށް ތަރައްގީވެފައިވާ ގައުމުތަކުން މާބޮޑު އިސްކަމެއް ނުދޭކަމަށެވެ.
އެެހެންނަމަވެސް ކުދި ގައުމުތަކުން އެކަމާ ވަކާލާތުކުރާއިރު ރާއްޖެއިން އެކަމުގައި މިސާލު ދައްކައި ސަމިޓުގައި ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
މި ސަމިޓްގައި ދުނިޔޭގެ 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަނަވާއިރު، މި ބައްދަލުމުގައި ރާއްޖެ ތަމްސީލްކޮށް ތަޤުރީރް ކުރައްވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
މި ސަމިޓްގައި ރައީސް އެކި ގައުމުގެ ވެރިންނާ ބައްދަލުކުރައްވާ، އެކި މަޝްވަރާތައް ކުރިއަށް ގެންދަވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖެއިން މި ސަމިޓުގައި ބައިވެރިވަޑައިގަންވާ ވަފްދުންވެސް އެކިއެކި ފަރާތްތަކާ ބައްދަލުކޮށް ތިމާވެށީގެ މައްސަލަތަކުގައި މާލީ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާތަަކެއް ކުރެވިގެންދާނެކަމަށް ޠާރިޤު ވިދާޅުވިއެވެ.