ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި 14 ދުވަހުގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މިމަހުގެ 13 ވަނަ ދުވަހު އީވާ މަގާމުން ވަކިކުރަން ދެވަނަ ފަހަރަށް އެމްޑީޕީއިން ހުށަހެޅީ، 50 މެންބަރުންގެ ސޮޔާއެކުއެވެ.
އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މަޖިލީހުގެ ރައީސަކަށް ކުރިން ހުންނެވި ބޭބޭފުޅު ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އީވާ ހުރަސްއަޅާ ކަމަށް ތުހުމަތު ކުރުމަށް ފަހުގައެވެ.
ސާޅީސް ނުވަ މެންބަރުންގެ ސޮޔާއެކު ނަޝީދު ވަކިކުރަން އެމްޑީޕީއިން ހުށަހެޅުމުން އެކިއެކި ބަހަނާތައް ދައްކަވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްކުރިއެވެ. އެންމެ ފަހުން އެ މައްސަލަ ކުރިއަށް ގެންދަން ޖެހުނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ. ސުޕްރީމް ކޯޓުން ނިންމީ ނަޝީދުގެ ރިޔާސަތުގައި މަޖިލީހުން އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.
ފަހުން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު މެންބަރުންގެ މެދުގައި ނެގި ވޯޓް ކާމިޔާބު ކުރައްވައި މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމެވެ.