ރ. އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް ހިންގަން ހަވާލުކުރުމަށް އައިޔޫއެމުން އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އައިޔޫއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ޒާހިރެެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު އަލީ ޒާހިރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިސްލާމީ ޔުނިވާސިޓީގެ ކުލާސްތައް ހިންގުމަށާއި ކިޔަވައިދިނުމަށް ފަސޭހަވެ، އެ ޔުނިވާސިޓީއަށް ކުރިއެރުން ލިބޭނެކަމަށެވެ.
މި ކެމްޕަހުގެ ސަބަބުން، އުނގޫފާރުގެ އިތުރުން، ބޮޑު އާބާދީއެއް އޮންނަ ރ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ވެސް ޔުނިވާސިޓީން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި މަރުކަޒު ހިންގަން ފެށުމުން އެ ޔުނިވާސިޓީން ކިޔަވާ ދަރިވަރުން އިތުރުވެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ކެމްޕަހުގެ ސަބަބުން ޔުނިވާސިޓީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
''ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވާސިޓީގެ ކޯސްތައް ކުރިއަށްގެންދެވޭނެ ރަނުގެ ފުރުސަތަކަށް އިރާދުކުރެއްވިއްޔާ މިކަން ވެގެންދާނެ،'' އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މި ސެންޓަރަކީ, 2012ގައި އަވަހާރަކޮށްލާފައިވާ، ޑރ. އަފްރާޝީމް އަލީގެ ނަންފުޅުގައި އެ ބޭފުޅާގެ ރަށުގައި ސަރުކާރުން ގާއިމްކޮއްފައިވާ އިސްލާމީ މަރުކަޒެއް ކަމަށެވެ. އަދި މި ޔުނިވާސިޓީގެ ސަބަބުން، އަފްރާޝީމަށް ޓަކައި ހައްގު ޚިދުމަތެއް ރާއްޖޭގެ ފަސްގަނޑުގައި ގާއިމްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމީ ޔުނިވާސިޓީ، ޔުނިވާސިޓީއަކަށް ވުމުގައި އަފްރާޝީމްގެ ބުރަ މަސައްކަތް އެކުލެވިގެން ވާކަމަށް އެނާ ވިދާޅުވިއެވެ.
''ކުއްލިއްޔާ، ޔުނިވާސިޓީއަކަށް ވީ މަރުހަލާގައި ގާނޫނީ މަސައްކަތްތަށް ކުރިއަށް ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވީ ޑރ. އަފްރާޝިމް އަލީ،'' މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިލްމުވެރިންގެ ހަގީގީ ގަދަރު އުފުލެއްވުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަަތް ކުރައްވަމުންގެންދަވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.