ފާއިތުވި ދެމަހާ އަޅައި ބަލާއިރު މި މަހު ކޮވިޑު ކޭސްތައް ގިނަ: އެޗްޕީއޭ

ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒު ޖެހުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފާއިތުވި ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހާ އަޅައި ބަލާއިރު މި ނިމޭ ނޮވެމްބަރު މަހު ކޮވިޑު ކޭސްތައް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

މި ކަމާ ގުޅޭގޮތުން މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ ބަލީގެ އެންމެ ކޭހެއްކަމަށެވެ.

އޮކްޓޫބަރު މަހު އެ އަދަދު ނުވައަކަށް އިތުރުވީއިރު، މި މަހުގެ މިހާތަނަށް 10 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ކޮވިޑު19ގެ ކޭސްތައް އިތުރުވަމުން އައި ނަމަވެސް، ކުރިން އޮތް ހާލަތަށް ދިއުމުގެ ބިރެއް ނެތްކަމަށެވެ. އަދި ކޮވިޑާއި، އަރިފުސް ރޯގާއާއި އެ ނޫން ބަލިތަކުގެ ހާލަތު އެ އެޖެންސީން މޮނީޓަރުކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ފަސް އަހަރުގެ ކުއްޖަކަށް ކޮވިޑު ޖެހި، އައިޖީއެމްއެޗުގައި ފަރުވާދިނުމަށް އެޑްމިޓު ވެސް ކޮށްފައިވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންކަމުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި މީހުން ގިނަ ތަންތަނަށް ޒިޔާރާތް ކުރާއިރު މާސްކް އެޅުން ހިމެނެއެވެ. އަދި އެންމެ މުހިންމު ކަމަކަށް ގިނަގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުމަށް ވެސް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު މި ބަލީގައި ހަ މިލިއަން މީހުން ވަނީ މަރުވެފައެވެ. ރާއްޖެއިން 186،694 މީހަކަށް މި ބަލިޖެހި 316 މީހުން ބަލީގައި މަރުވެފައިވެއެވެ.

comment ކޮމެންޓް