ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ތުރުކީ އާއެކު މަޝްވަރާކޮށްފި

ރައީސް މުޢިއްޒުގެ އަރިހަށް، ތުރުކީވިލާތުގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ތުރުކީ އާއި އެކު ރަސްމީކޮށް މަޝްވަރާކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ތުރުކީވިލާތުގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި އާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފައެވެ.

ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޓާކިޝް އެއާލައިންސްގެ ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މި ދެ ޤައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާމެދު ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ބަދަލުކުރެވި، މަޝްވަރާ ކުރައްވާފައިވެއެވެ.

މެހްމަތް ނުރީ އާސޯއި ވަނީ އެ މަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން އެކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވައި، މަރުޙަބާ ދަންނަވާފައެވެ. އަދި ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓާ މެހްމަތް ނުރީ އާސޯއިއަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.

ރައީސް މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް