އަމްރު ބޭނުމީ ގޭދޮށުން ލައްވައިލި ފުރުސަތު އެންމެނަށް

ނިމުނު ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފުރަތަމަ ހުންނެވި ހުސައިން އަމްރު މުހައްމަދު ގިނަ މީހުންނަށް އެނގެން ފެށީ އެ ހިސާބުންނެވެ. އެކަމަކު، އެއީ "އިސްލާހީ މަސައްކަތުގައި" އަމްރު ފަރުދާގެ ފުރަގަހުގައާއި ބޭރުގައި ކުރަމުންދިޔަ އެތައް މަސައްކަތެއްގެ ފޮނި ނަތީޖާއެވެ.

އަމްރުގެ ސިޔާސީ ހަޔާތް ފެށުނީ ގޭ ދޮށުން ލިބިވަޑައިގެން ފުރުސަތަކުންނެވެ.

"އަޅުގަނޑަށް ދިމާވި ގޮތަކީ 2008 ވަނަ އަހަރު. އޭގެ ކުރިން ވެސް އަޅުގަނޑުގެ ގެ ހުންނަނީ ރައީސް ނަޝީދު [ކުރީގެ ރައީސް މުހައްމަދު ނަޝީދު]ގެ ގޭގެ ކުރިމަތީގައި ކަމަށްވާތީ ކުޑައިރު ވެސް އެ ކަހަލަ ކަންތައްތަކުގައި އުޅެވޭ،" އަމްރު 'ސަން'އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އިންތިޚާބު ކާމިޔާބު ކުރައްވާފައި ރައީސް ވިދާޅުވީ އަޅުގަނޑު ރައީސް އޮފީހަށް ޖޮއިންކުރަން. ނޮވެމްބަރު 12 ވަނަ ދުވަހު އަޅުގަނޑު ދިޔައީ. ދިޔައީމާ ހަވާލުކުރީ ރައީސް އޮފީހުގެ ޓްރޭޑް އެންޑް އިކޮނަމިކް ސެކްޓަރު،"

އެއީ އަމްރުގެ ސިޔާސީ މަސައްކަތް ފެށިގެން އައި ގޮތެވެ. ނަޝީދަކީ އަމްރުގެ އަވަށްޓެރިއެކެވެ. އަމްރަށް ސިޔާސީ މައިދާނުން ފަހި ފުރުސަތެއް ލިބުނީ އެ ނަސީބުންނެވެ.

"ހަމަ އެ ބުރު އައީ ވަރަށް ބޮޑު ޑެލެގޭޝަނެއް އިންޑިއާއިން އައިސް 16 އެމްޔޫއޯއެއްގައި ސޮއިިކުރީ. ހަމަ އެ ރޭ ރައީސް ވިދާޅުވީ އަޅުގަނޑު ކައިރީގައި އެ ރޭ އޮތް ލައިވް ޓީވީ ޕްރޮގްރާމަކަށް އަރަން. އަޅުގަނޑު ދުވަހަކު ވެސް ނާރަން. އޭރު ވަރަށް ޅަ ވާނެ އަޅުގަނޑު. އާނ އެކޭ ބުނެފައި ގޮސް އަޅުގަނޑު އެރީ. ސްޓޫޑިއޯގައި އިން އިރު ގަނޑުފެންކޮޅެއްހެން އަޅުގަނޑު އިނީ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އަމްރު "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް: އާއިޝް އަޝްރަފް

އަމްރަށް އެއީ ލިބުނު ރަނުގެ ފުރުސަތެކެވެ. ސިޔާސީ މައިދާނުގައި ސިޔާސީ ކަންކަމުގައި އޭނާގެ ފައި ސާބިތުކޮށްލަން ލިބުނު އެހީއަކީ އެއީއެވެ. މިއަދު އެ ވަޑައިގެންނެވުނު ހިސާބަށް ވާސިލުވެވުނީ ޅަ ދުވަހު އަމްރަށް ލިބިވަޑައިގެން ފުރުސަތުންނެވެ.

މިހާރު ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވައިގެން ހުންނެވި އަމްރުގެ އަމާޒެއް އެބައޮތެވެ. އެއީ، ގޭދޮށުން ލައްވައިފި ފުރުސަތު އެންމެނަށް ހޯދައިދިނުމެވެ.

"އެކަމަކު، އަޅުގަނޑު އެކަމުގެ ތެރޭގައި ގެންގުޅުނީމާ މިއަދު އަޅުގަނޑަށް މި ހިސާބަށް އާދެވުނީ. ހަގީގަތަކީ އެކަހަލަ ގިނަ އޮޕޮޗޫނިޓީތައް ބައިވަރު ގިނަ ޒުވާނުންނަކަށް ނުލިބޭ،" ނިމުނު ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓަކަށް ވެސް ހުންނެވި އަމްރު ވިދާޅުވިއެވެ.

ޒުވާނުންގެ އެކެޑަމީއެއް

އަމްރަށް އެ ދުވަހު ލިބުނު ފުރުސަތު ހުރިހާ ޒުވާނުންނަށް ހޯދައިދިނުމުގެ އަޒުމުގައި އޭނާގެ ޕްލޭނެއް އެބައޮތެވެ. އެއީ، ޑިމޮކްރެޓްސްގައި ޕާޓީގެ އެކެޑަމީއެއް ހުޅުވައިލުމެވެ. އެ ތަނުން ޕާޓީގެ ޒުވާނުންނަށް އަމަލީ ތަޖުރިބާއާއި ތައުލީމާއި އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"ޕާޓީ ތެރޭގައި ހަމައެކަނި ވާހަކަދެއްކުމެއް ނޫން، ކޮމިޓީތަކުގައި ވެސް ބައިވަރު ޓެކްނިކަލް މަސައްކަތްތައް ވެސް ކުރެވޭ. އޭގައި ވެސް އެބަ ޖެހޭ ޒުވާނުންނާއި އަންހެނުން ބައިވެރިކުރަން،" އަމްރު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ އެތެރޭ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ އަމްރު ބޭނުންފުޅީ ޒުވާނުން އެ ފުރުސަތު ފަހި ކޮށްދޭށެވެ. ތައުލީމާއި ތަމުރީނު ހޯދައި ދޭށެވެ. އެ ކަންކުރަން، އޭނާގެ އަމާޒަކީ ޑިމޮކްރެޓްސްގެ މުޅި ދުނިޔެއާއި ގުޅުވައިލުމެވެ.

"ޑިމޮކްރެޓްސް އަޅުގަނޑުމެން ބޭނުން ދުނިޔޭގެ އެހެން ޕާޓީތަކާ ވެސް އެފިލިއޭޓުވާން. އެކޮޅަށް މީހުން ފޮނުވައިގެން ޓްރެއިން ކުރުމާއި އެކޮޅުން މީހުން ގެނެސްގެން ޓްރެއިން ކުރުވުމާ މި ކަހަލަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެންމެ ބޮޑު އިސްކަމެއް ޕާޓީ ބޮޑުކުރަން

އަމްރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީގައި ޑިމޮކްރެޓުން ފައްކާ ކުރުމެވެ. ޕާޓީ ބޮޑުކޮށް، ފުޅާ ކުރުމެވެ. އެ އަޒުމުގައި އޭނާ ޖަހައި ހިސާބަކީ "އިންތިޚާބަށް ނުކުންނާނީ ވެސް މޮޅުވެގެން،" ކަމެވެ.

"ޕާޓީއަށް މެންބަރުން އިތުރުވަނީ ޕާޓީއާ މެދު މެންބަރުންގެ ހުންނަ ޝައުގުވެރިކަން އިތުރުވެގެން. ޝައުގުވެރިކަން އުފައްދަނީ ވެސް ޕާޓީގައި ތިބޭ މެންބަރުން،" އޭނާ ވިދާޅުވިއެވެ.

"މީހުން ވަރަށް ބޮޑަށް މާޔޫސްވެ، ފޫހިވެއްޖެ ސިޔާސީ ޕާޓީތައް ދެކެ. ހާއްސަކޮށް ސިޔާސީ ކަންކަމާ ދޭތެރޭގައި ވެސް ވަރަށް ބޮޑަށް މާޔޫސްވެއްޖެ. އަޅުގަނޑަށް ހީވަނީ މިހާރު އެންމެން ވެސް ބަލަން ބޭނުންވަނީ ޕާޓީއަށް ވުރެ ބޮޑަށް ކަން ކުރެވޭނެ މީހަކަށް ކަމަށް. އެ މީހަކު ކަން ކޮށްފައި ހުރި ގޮތާއި ކަން ކުރާ ގޮތަށް ބަލާފައި އެ މީހަކާ ކަންކަން ހަވާލު މި ކުރެވެނީ،"

ނިމުނު އެމްޑީޕީގެ ސަރުކާރުގައި ތިބެފައި މިހާރު ޑިމޮކްރެޓުން ނުކުތީ ވެސް މާޔޫސްވެގެންނެވެ. އޭރުގެ ސަރުކާރުން ކުރި ކަންކަމާ ނުރުހުންވެ، އުފެދުނު އަރައިރުންވުމުގައި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދާއި ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި ނުރުހުންވުމެއް އުފެދުނީއެވެ.

ހިޔާލުތަފާތުވުންތައް ބޮޑުވެ، ފަޅައިގެން ގޮސް ޑިމޮކްރެޓުން އެމްޑީޕީން ތޮށަލި ފޫއަޅުވައިލައި ނުކުތީ ރިޔާސީ އިންތިޚާބަށް ވަރަށް ކައިރިވެފައި އޮއްވައެވެ.

އަމްރު "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ:އިންފިނިޓް މޫވަމަންޓްސް/ އާއިޝް އަޝްރަފް

ދައުލަތުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ހިންގަން ހަތަރު އަހަރެއްހާ ދުވަހު ހުންނަވާފައި އަމްރު ވެސް އެ ގޮތް ކަމުނުގޮސްގެން ނަޝީދާ އެކު ނުކުތެވެ. އެއަށް ފަހު ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި އުފެއްދި ޕާޓީން އެ އިންތިޚާބުގައި ވާދަ ވެސް ކުރިއެވެ. އަމްރަކީ އެ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެވެ. ކެންޑިޑޭޓަކަށް ވެވަޑައިގަތީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެ އިންތިޚާބުގައި އެހާ ކުރުމުއްދަތެއްގެ ތެރޭގައި ޑިމޮކްރެޓްސްއަށް 15،000 އަށްވުރެ ގިނަ ވޯޓު ލިބުނެވެ.

އަމްރަށް އެއީ ވަރަށް އުންމީދީ ނަތީޖާއެކެވެ. އެ އުންމީދުގައި އޭނާ ނުކުންނަވައިގެން އެ ހުންނެވީ ޑިމޮކްރެޓްސް އިތުރަށް ބޮޑު ކުރާށެވެ. ފުޅާކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ ރޭސް ކޯލިޝަނަކައިނުލާ އެއްބުރުން ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކޯލިޝަނަކައި ވެސް ނުލާ ކާމިޔާބު ކުރެވޭ ވަރަށް ގެންދަން އެއީ ޓާގެޓަކީ،" އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު މި ޕާޓީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރަން. އެއީ އަޅުގަނޑުމެންގެ އާންމު މެންބަރުން ވެސް ބޭނުންވާގޮތް،"

އަމްރުގެ އަމާޒަކީ އެއީއެވެ. އޭނާ ދެކޭ ގޮތުގައި އޭނާއަށް ގޭދޮށުން ލައްވައިލި ފުރުސަތު ޑިމޮކްރެޓްސްގެ ތެރެއިން ޒުވާނުންނަށް ހޯދައިދެވިއްޖެ ނަމަ، އެ ޕާޓީއަށް ދިވެހި ތާރީޚު ބަދަލުކޮށްލެވިދާނެއެވެ. އެ ޕާޓީގެ ރައީސްކަމަށް އޭނާ ނުކުންނަވައިގެން އެ ހުންނެވީ އެ އަޒުމުގައެވެ.

comment ކޮމެންޓް