ތުރުކީގެ ފަސްޓްލޭޑީގެ ''ގްލޯބަލް ޒީރޯ ވޭސްޓް ޑެކްލެެރޭޝަން''ގައި ސާޖިދާ ސޮއިކުރައްވައިފި

ޑަމް ސާޖިދާ ތުރުކީގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފަ--

ތުރުކީގެ ފަސްޓް ލޭޑީ އެމީން އުރުދުޣާން އިސްނަގައިގެން ކުނި މަދުކުރުމަށް ކުރިއަށްގެންދަވާ މަޝްރޫއަށް ބިނާކޮށްފައިވާ ''ގްލޯބަލް ޒީރޯ ވޭސްޓް ގުޑްވިލް ޑެކްލެެރޭޝަން''ގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޮއިކުރައްވައިފިއެވެ.

އެ ލިޔުމުގައި އެ ކަމަނާ ސޮއިކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ރަސްމީ ދައުވަތުފުޅަކަށް ދެމަފިރިކަނބަލުން ތުރުކީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު، ރައީސް އުރުދުޣާންއާ ބައްދަލުކުރެއްވިއިރު ސާޖިދާ ވަނީ ފަސްޓް ލޭޑީ އެމިން އުރުދުޣާނާ އެ ގައުމުގެ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ތުރުކީގެ ފަސްޓް ލޭޑީ އެމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުނި މަދުކުރުގެ މަސައްކަތްތަކަށް ޚާއްސަކޮށްފައިވާ ގްލޯބަލް ޒީރޯ ވޭސްޓް ގުޑްވިލް ޑިކްލެރޭޝަންގައި ސާޖިދާ ސޮއި ކުރެއްވުމުން އެކަމަށް ޝުކުރު އަދައިކުރައްވައިފައެވެ.

އަދި އެ މަޝްރޫއުގެ ދަށުން ކުނި މަދުކުރުމަށް ކުރާ ކަންތައްތައް ރާއްޖޭގައި ކުރިއަށްގެންދަވާނެ ކަމަށް ސާޖިދާ ވައުދުވެވަޑައިގަތުމުން އެކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިދިޔަ އަހަރުގެ އދ.ގެ އާންމު މަޖިލީހުން ވަނީ އެ މަޝްރޫއާ ގުޅުންހުރި ގަރާރެއް ވެސް ފާސްކޮށްފައެވެ. އަދި މި އަހަރު ސެޕްޓެމްބަރުގައި އޮތް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި، "ގްލޯބަލް ކޮމިޓްމަންޓް ޓު ޒީރޯ ވޭސްޓް ފޯ ދަ ވަލްޑް، އަވަ ކޮމަން ހޯމް" ގައި ސޮއިކުރުމަށް އާންމުކޮށް މުޅި ދުނިޔެއަށް ވަނީ ހުޅުވައިލައިފައެވެ.

އެ ޑެކްލަރޭޝަނުގައި ބާރުއަޅާފައިވާ ކަންކަމުގެ ތެރޭގައި، އދ.ގެ 2030ގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ އާއި ޕެރިސް އެއްބަސްވުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، ހަކަތަ އުފައްދާ ވަސީލަތްތައް އެންމެ އެކަށޭނަ ގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމާއި، އުކާލާ ކުނި އަލުން ބޭނުންކުރެވޭނެ ގޮތްގޮތް ހޯދައި، ކުނި އުފެދޭ މިންވަރު މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އދ.ގެ މެންބަރު ގައުމުތަކާއި، މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރާތްތަކާއި، މީޑިއާއިން ވަށާޖެހޭ އިގުތިސާދަކަށް ވާސިލްވުމުގެ މަރުހަލާ އަވަސްކުރުމުގައާއި، ކުނީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމަށް މި ޑެކްލަރޭޝަންގައި ގޮވާލާފައިވެއެވެ.

ސާޖިދާއާއި އެމީންގެ ބައްދަލުވުމުގައި، ތައުލީމާއި، ސަގާފަތާއި، ތިމާވެށި ފަދަ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި، ހުރިހާ ދާއިރާއަކުން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް އެމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި ސާޖިދާގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެންނެވުމުން އެކަމާމެދު އުފާކުރައްވާކަމަށާއި، އައު ދައުރުގައި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމީން ވިދާޅުވިއެވެ.

އިތުރަށް އެމީން ވިދާޅުވީ، ދެ ގައުމުގެ ދެމުދު އޮންނަ އެކުވެރި ގުޅުމަކީ ދާއިމީ ގުޅުމެއްކަމަށްވުމަށް އުންމީދުކުރައްވާކަމަށެވެ.

ރައީސް މުއިއްޒާއި ސާޖިދާ ތުރުކީއަށް ފުރައިވަޑައިގަތީ އާދިއްތަ ދުވަހެވެ. އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮންނަ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހެވެ.

comment ކޮމެންޓް