ބާސެލޯނާ (27 ނޮވެންބަރު 2023): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމާއި އެ ޖަމާއަތުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކަކީ އިސްރާއީލާ ދެކޮޅަށް ހިންގި ގަތުލުއާންމެއް ކަމަށް ވިދާޅުވެ، ވާހަކަ ދެއްކެވި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ އިސް ވެރިޔާ ޖޯސެޕް ބޮރޭލް އޭގެ ހަފުތާއެއްގެ ފަހުން އޭނާގެ ރާގު މުޅިން ބަދަލުކުރައްވައި ހަމާސްއަކީ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ސިފަކުރައްވައިފިއެވެ.
ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ފިކުރީ މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ބޮރެލް ވިދާޅުވީ ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަންކަމުގެ ފިކުރުކަމަށާއި އެ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުރަނީ މިނިވަންކަން ހޯދުމުގެ ހަނގުރާމައެއް ކަމުގައެވެ.
އެހެންކަމުން ހަމާސް ޖަމާއަތް ބަލިކޮށްލުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ބޮރެލް ވިދާޅުވިއެވެ.
ބޮރެލް މީގެ ހަފުތާއެއްގެ ކުރިން ވަނީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމާއި ހަމާސްއިން އިސްރާއީލާ ދެކޮޅަށް ހިންގަނީ ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކުރައްވާފައެވެ. ބޮރެލް މިހެން ވިދާޅުވުމުން އަލްޖަޒީރާގެ މުރާސިލަކުވަނީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ގަސްދުގައި ހަމަލާތައްދީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ބަލިމީހުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއަށް ނުވޭތޯ ބޮރެލްއާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ބޮރެލް ވިދާޅުވީ އޭނާއަކީ ގާނޫނީ ވަކީލެއް ނޫން ކަމަށާއި އެހެންކަމުން އިސްރާއީލުން ޣައްޒާގެ އާންމުން މަރާމެރުމަކީ ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކުރެވެން ނެތްކަމަށް ވިދާޅުވެ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
ނަމަވެސް އޭގެ ހަފުތާއެއްފަހުން އިއްޔެ ބޮރެލް ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ދޭ ހަމަލާތައް ގަބޫލުނުކުރެވޭނެކަމުގައެވެ. އަދި، ހަމާސް ޖަމާއަތަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ވެސް ބޮރެލް ސިފަކުރެއްވިއެވެ. މިއީ ހަމާސްއާ މެދު ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިއަކު މިމޭރުމުން ހަމާސް އާމެދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުކަމަށް މުރާސިލުން ބުނެއެވެ.
ބޮރެލްގެ މި ވާހަކަތައް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިންވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ބާސެލޯނާގައި ކުރިއަށްދާ ފިކުރީ މަހާސިންތާގައި ބޮރެލް ވިދާޅުވީ އިސްރާއީލުން ކިތަންމެ ވަރަކަށް ފަލަސްތީނުގެ އާންމުން މެރި ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން (ޚާއްސަކޮށް ހަމާސް ޖަމާއަތުން) އިސްރާއީލަށް ދޭ ހަމަލާތައް ނުހުއްޓުވޭނެ ކަމަށާއި އަދި ފަލަސްތީނުގެ މިނިވަންކަމުގެ ފިކުރު ވެސް މަރާނުލެވޭނެ ކަމުގައެވެ.
ބޮރެލް ވިދާޅުވި ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮވެ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ދެމުންގެންދާ ހަރުކަށި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހަމާސްވަނީ ފަލަސްތީނު ރައްޔިތުންގެ މެދުގައި އާދަޔާ ޚިލާފަށް ނުފޫޒުގަދަވެ އަދި ފަލަސްތީނުގެ މިނިވަންކަމުގެ ރަމްޒަކަށް ބަދަލުވެފައިކަމުގައެވެ.
އެހެންކަމުން ހަމާސް ނައްތާލުމަކީ ކުރެވޭނެކަމެއް ކަމަށް އިސްރާއީލުން ދެކޭ ދެކުމަކީ މޮޔަކަމެއް ކަމަށް ވެސް ބޮރެލް ވިދާޅުވިއެވެ. ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުގެ ގެދޮރަށް ހަމަލާދީ އާންމުން މެރުމަކީ އަމިއްލަ ނަފުސުގެ ދިފާއުގައި ކުރާ ކަމެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް އެކަން ދެން އެގޮޮތަށް ގަބޫލު ނުކުރެވޭނެ ކަމަށާއި އިސްރާއީލުން ހިންގަނީ ބަދަލު ހިފުމުގެ އަމަލުތަކެއް ކަމަށް ބޮރެލް ސިފަކުރެއްވިއެވެ.
އަދި، އިސްރާއީލުގެ އަމަލުތައް މިހާރުވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި ހަނގުރާމައިގެ ގާނޫނުތަކުން ބޭރުވެފައި ކަމަށް ވެސް ބޮރެލް ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަކީ ނަސްލު ނައްތައިލުމުގެ ޖަރީމާތަކެއް ކަމަށް އދ. ގެ ބައެއް މުއައްސަސާތަކާއި ބައެއް ގައުމުތަކާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ.
މި މައްސަލައިގައި އިސްރާއީލުގެ ވެރިން ބައިނަލްއަގުވާމީ ކޯޓަށް ހާޒިރު ކުރުމުގެ ގާނޫނީ މަސައްކަތް ވެސް އެތައް ފަރާތްތަކެއް ގުޅިގެން ގެންދަނީ ކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެމެރިކާއާއި ޔޫރަޕުން ތާއީދު ކުރާތީއާއި އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާއާއި ޔޫރަޕް އޮތުމުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ބައިނަލްއަގުވާމީ ފެންވަރުގައި އެޅުމުގައި އދ. އާއި ބައިނަލްއަގުވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފައެވެ.