މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ)އިން އިންތިޒާމުކޮށް ހިންގާ މިއަހަރުގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ މީޑީއާ ޕާޓްނަރަކަށް މިއަދު އެސްއެސް ޓީވީ ވެއްޖެއެވެ.
އެމްއޭއެޗްއާރުޕީ އާއި އެސްއެސް ޓީވީއާ ދެމެދު އެކަމާ ގުޅޭ ގޮތުން ހެދި އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮންޓެންޓު އޮފިސަރު މުޙައްމަދު ޒަހީނެވެ. އަދި އެމްއޭއެޗްއާރުޕީގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިބްރާހީމެވެ.
އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު، އެމްއެންޔޫ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައެވެ.
އެ ކޮންފަރެންސަކީ އުނގެނުމާއި އެކަމާ ގުޅުން ހުރި އުކުޅުތައް ދަސްކޮށްދީ، ދާއިރާތަކުގެ މީހުން ތަޖުރިބާ ހިއްސާކުރާނެ ކޮންފަރެންސެކެވެ.

މީގެކުރިން ބޭއްވި ޕްލެޓްފޯމެއްގެ ތެރެއިން --- ފޮޓޯ:އެމްއޭއެޗްއާރުޕީ
އެ ކޮންފަރެންސްގެ އަލިއަޅުވާލާނެ ދާއިރާތަކުގެ ތެރޭގައި 'ނިއުރޯސައިންސް އެންޑް ލާނިން އެގިލިޓީ'އާއި އީލާނިން ބޭނުންކޮށްގެން އަވަހަށް ކަންކަން ދެނެގަންނާނެ ގޮތްތަކާއި 'ލާނިން މެނޭޖްމަންޓް' ބޭނުންކޮށްގެން ތަޖުރިބާ އިތުރުކުރުމަށް ކުރެވޭނެ ކަންކަން ހިމެނެއެވެ.
ހަމައެއާއެކު، ވަޒީފާގެ އުނގެނުމުގެ ހުނަރު އިތުރުކުރާނެ ގޮތްތަކާއި މަސައްކަތުގެ މާހައުލުގައި ކުރިއަށް ދާނެ ގޮތް ކިޔައިދިނުމާއި އަމިއްލައަށް ދަސްވެފައި ހުރި ހުނަރުތައް އަންނަން އޮތް ޖީލުތަކަށް ކިޔައިދޭނެ ގޮތް މި ކޮންފަރެންސްގައި ބުނެދޭނެއެވެ.

މީގެ ކުރިން ބޭއްވި ޕްލެޓްފޯމެއްގެ ތެރެއިން --- ފޮޓޯ:އެމްއޭއެޗްއާރުޕީ
މީގެ އިތުރުން ވަޒީފާ ކުރިއަރުވަން ކުރެވޭނެ ކަންކަމާއި ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކަތައް އަޑުއެހުމުގެ މުހިންމު ކަމާއި ދާއިރާގެ އުކުޅުތައް މިންކުރާނެ ގޮތް ވެސް އެ ކޮންފަރެންސްގައި ކިޔާދެވިގެންދާނެއެވެ.
އެހެންކަމުން، އެ ކޮންފަރެންސްއިން ދާއިރާގެ ކޮންމެ މީހަކަށްވެސް އަގުހުރި މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެމްއޭއެޗްއާރުޕީން ވަނީ ބުނެފައެވެ.
އެ ކޮންފަރެންސްގެ ރަޖިސްޓްރޭޝަން ފީއަކީ މީހަކަށް 1،850 ރުފިޔާއެވެ. ނަމަވެސް ވަޒީފާދޭ ފަރާތަކުން ހަތް މެންބަރުންނަށް ވުރެ ގިނައިން ރަޖިސްޓާ ވާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.
އެ ކޮންފަރެންސްގައި ވީހާވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެމްއޭއެޗްއާރުޕީން އެދެއެވެ.