ވިނީޝިއަސްއަށް ރޮނާލްޑޯގެ ހާއްސަ ހަދިޔާއެއް

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާއަށް އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާއްސަ ހަދިޔާއެއް ދީފިއެވެ.

ވިނީޝިއަސް ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެކި ފަހަރުމަތިން ރޮނާލްޑޯއަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކައިފައެވެ. އަދި ރެއާލްގައި ރޮނާލްޑޯއާއެކު ކުޅުމުގެ ފުރުސަތު ނުލިބުމުން އެކަމާ ހިތާމަކުރާ ކަމަށް ވެސް ވިނީޝިއަސް ބުނެފައިވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެއް ކްލަބަކަށް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ވިނީޝިއަސް އާއި ރޮނާލްޑޯ ވަނީ އެކުވެރިކަމުގެ ރަނގަޅު ގުޅުމެއް އުފައްދައިފައެވެ. އެގޮތުން ދާދި ފަހުން ރޮނާލްޑޯ ވަނީ ލީޗްޓެންސްޓެއިން އަތުން 2-0ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗުގައި ބޭނުންކުރި ޖާޒީ، ހަދިޔާއެއްގެ ގޮތުގައި ވިނީޝިއަސްއަށް ދީފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ވެލެންސިއާ އަތުން 5-1ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ގޯލު ޖެހުމަށްފަހު ވެސް ވިނީޝިއަސް ވަނީ ރޮނާލްޑޯގެ "ކާމާ" ސެލެބްރޭޝަން ބޭނުންކޮށްފައެވެ. މި ސީޒަނުގައި ވިނީޝިއަސް ބޭނުންކުރަމުންދަނީ ރެއާލަށް ކުޅުނު ދުވަސްވަރު ރޮނާލްޑޯ ބޭނުންކުރި ހަތް ނަމްބަރު ޖާޒީއެވެ.

ވިނީޝިއަސް މި ވަގުތު ހުރީ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައެވެ. އެހެންކަމުން ސްޕެނިޝް ލަލީގާގައި ކާޑިޒްއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި އޭނާ ނުފެންނާނެއެވެ.

comment ކޮމެންޓް