ސަލްމާން ފިލްމީ ދާއިރާގައި ތިރީސް އަހަރު، ސިއްރަކީ ކޮބާ؟

އެކްޓަރު ސަލްމާން ޚާން

ފިލްމީ ދާއިރާގައި ތިން ގަރުނު ވަންދެން ސާބިތުކަން މަތީ ދެމިހުރުމަކީ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ނަސީބުކަމަށް އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ.

ތިރީސް އަހަރު ވަންދެން ކެތްތެރިކަމާ އެކު ފިލްމީ ދާއިރާގައި ކުރިމަތިވަމުން އައި ގޮންޖެހުންތަކާ އެކު ވެސް ދެމިހުރެވުމަކީ ވަރަށް ކެތްތެރި މީހަކަށް ނޫނީ ނުވާނެކަމެއް ކަމަށް އެކްޓަރު ވަނީ ސިފަކޮށްފައެވެ.

ސަލްމާން ޚާން އަދި ބަތަލާ ބަގިޔާޝްރީ

ފާއިތުވި ތިރީސް އަހަރު ނިމިގެންދިޔަ ގޮތެއް ވެސް ހަގީގަތުގައި ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ހުރިހާ ތަޢުރީފެއް ޙައްޤުވާ ފަރާތްތަކަކީ އެކްޓަރުގެ ލޯބިވާ ސަޕޯޓަރުން ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ތިރީސް އަހަރު ވަންދެން ސަލްމާން ޚާންއެކޭ އެއްގޮތަށް ކާމިޔާބު އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން، އާމިރު ޚާން އަދި އަކްޝޭ ކުމާރު ފަދަ ފިލްމީ ތަރިންނަށް ފިލްމު އިންޑަސްޓްރީގައި ދެމިތިބެވުނީ ކިހިނެއް ކަމާމެދު ބައެއް ފަހަރު ސުވާލު އުފެދޭ ކަމަށާއި، ނަމަވެސް ހަގީގަތަކީ އެއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމެއްގެ ޚިޔާލު ސިކުނޑިއަށް ގެންނަ ހިސާބުން ފެށިގެން ފިލްމު ނިމޭ މަރުޙަލާއާ ހަމައަށް ވަރަށް ގިނަ ބަޔަކު އެ މަސައްކަތް ކާމިޔާބު ކުރުމަށް ދާ އޮހޮރުވާ ކަމަށާއި ފިލްމު ބަލަން ސިނަމާއަށް ވަންނަ މީހުން އިތުރުވުމުގެ ސިއްރަކީ އެއީ ކަމަށް ސަލްމާން ޚާން ވަނީ ބުނެފައެވެ.

90އިގެ އަހަރުތަކުގައި ފިލްމީ ދާއިރާއަށް ތަޢާރަފްވި ބައެއް އެކްޓަރުން

ފިލްމު "މޭނޭ ޕިޔާރު ކިޔާ"އިން ގިނަ ބައެއްގެ ހިތް ފަތަޙަ ކުރި އެކްޓަރު މިހާތަނަށް ބްލޮކް ބާސްޓަ ފިލްމުތައް ސިނަމާއަށް ގެނެސްދީފަ ވާއިރު ދާދި ފަހުން ރިލީޒްވި ފިލްމު "ޓައިގާ3"ވެސް އަންނަނީ ބެލުންތެރިންގެ ތަރުހީބު ހޯދަމުންނެވެ.

ޢުމުރުން 57 އަހަރުގެ އެކްޓަރު ބުނީ "ޓައިގާ3"އަށް ލިބެމުން އަންނަ ކާމިޔާބީން ދޭހަކޮށްދެނީ ރަނގަޅު އޮއްޓަރުހުރި ސްކްރިޕްޓަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަމެވެ. އިންޑިއާގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ފިލްމު ރިލީޒްކުރި ދުވަސްވަރަކީ ފޯރިގަދަ ކްރިކެޓް ވޯލްޑްކަޕް ވެސް ކުރިއަށް ދުވަސްވަރެވެ. ނަމަވެސް ފިލްމު ރިލީޒްކުރިތާ ދިހަ ދުވަސް ތެރޭ "ޓައިގާ3"އަށް ވަނީ 400 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. ސަލްމާން އާއެކު ކެޓްރީނާ ކައިފް އަދި އިމްރާން ހާޝިމީ މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްގެ އުފެއްދުމެކެވެ.

comment ކޮމެންޓް