ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ޕީޕީއެމްގެ ގުޅިފައިވާ ލީޑާޝިޕްގެ މެދުގައި މިހާރު އުފެދިފައިވާ މައްސަލައިގެ ތެރެއިން, ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ ދިފާއުގައި, ކޯލިޝަން ޕާޓްނަރު ކަމަށްވާ އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވާހަކަދައްކަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވަނީ، ރައްޔިތުން ވެެރިކަމަށް އިންތިޚާބުކުރި ރައީސް މުއިއްޒުގެ ސަރުކާރާއެކު އެމްއެންޕީގެ އެންމެހާ މެންބަރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.
"އަޅުގަނޑުގެ އެދުމަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ރައީސް މުއިއްޒު ކުރިއަށްގެންދަވާ ތަރައްގީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދެއްވުމުގައި ދެމިތިއްބެވުން،" ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދުއާއަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުން،"
ނާޒިމްގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޔާމީނާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސްގެ ދިފާއުގައި ނިކުންނަވައިފައެވެ. ހަމައެއާއެކު އެ މަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ވެސް ވަނީ ސަރުކާރުގެ ދިފާއުގައި އަޑުއުފުލާފައެވެ.
ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އެ ޚިޔާލުތަަފާތުވުންތަކާ ހެދި، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.
އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވި ނަމަވެސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ހަރަކާތްތަކުގައި އެ މަނިކުފާނަށް އަމަލީ ގޮތުން ހަރަކާތްތެރިވެ ނޫޅުއްވެއެވެ.
އަލަށް އުފައްދާ ޕާޓީގެ މަސައްކަތް ފަށައިގަނެ، އެ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.
ލީޑާޝިޕުން އެ މަނިކުފާނުގެ މަޝްވަރާއާއި ޚިޔާލުފުޅު ނުހޯއްދަވައި ކަމަށާއި އަދި ރައީސް ޑރ. މުއިއްޒަށް ފޯނު ކުރެއްވުމުން ޖަވާބު ވެސް ނުދެއްވައި ކަމަށް ޔާމީނާ ހަވާލާދީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލު ވަނީ ވިދާޅުވެފައެވެ.