އުރީދޫ ފަން ރަން 2023ގެ ކިޓަށް އޯޑަރު ކުރި މީހުންނަށް ކިޓްތައް ބަހަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
އުރީދޫއިން މިއަދު ބުނީ، ފަންރަން ކިޓްތައް ބަހަން ތައްޔާރުވެފައިވާއިރު، އެ ކިޓު މިހާރުވެސް މޫލީ މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި:
- 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ
- 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ
އުރީދޫގެ ފަން ރަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރެޖިސްޓާ ވެވޭނެއެވެ.
އުރީދޫގެ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު، ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށްވެސް ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމަކަށް ވާނެ ކަމުގެ ޔަގީން ކަން އުރީދޫއިން ދެއެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި ފޯމްގެ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނުވަތަ ދުވެފައި ވެސް މި ދުވުން ނިންމިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ފަން ރަން އާއި ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން ވެސް ލިބޭނެ ކަމަށް އުރިދޫއިން މައުލޫމާތު ދެއެވެ.