އިންޑިއާ ކަނޑުގައި ޗައިނާއިން ނުފޫޒު އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ރާއްޖެއާ ޖެހިގެން އޮތް، އަވަށްޓެރި ގައުމަކީ އިންޑިއާކަން ދެނެގަނެ، އެގައުމާ ގުޅުން ވަރުގަދަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސައުތު އެފްރިކާގައި އޮތް "ދަ ކޭޕްޓައުން ކޮންވެންޝަން"ގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގައި ހުންނަވައި، އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައިއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އާ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަފާތުވާނެ ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާއާ އޮތް ގުޅުން ބަދަލުވާނީ ކިހިނެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދިއުމަށް އެދި ބައެއް ވާހަކަތައް ދެކެވުނުކަން އެނގިފައި އޮތީ. ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ މަގެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އާ ސަރުކާރަށް މިކަން ވިސްނޭނެ،" ނަޝީދު އޭއެންއައިއަށް ވިދާޅުވިއެވެ.
ނަމަވެސް މިއީ އާ ސަރުކާރާއެކު ވަރުގަދަ ގުޅުމެއް ގާއިމުކުރުމަށް އިންޑިއާއަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ފާހަގަކުރެއްވީ، ކަނޑުފޭރޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ބިރު އިންޑިއާ ކަނޑުގައި ބޮޑުކަމެވެ.
"ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބަދަހިކުރަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ އިންޑިއާއަކީ އަޅުގަނޑުމެންގެ ޖެހިގެން އޮތް، އަވަށްޓެރި ގައުމު، ދެމިއޮންނާނީ ވެސް އެހެން. ދެ ގައުމު ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަތާ އެތައް ހާސް އަހަރެއް ވެފައިވާއިރު، އަޅުގަނޑަށް ޔަގީން، އެ ގުޅުން އަދިވެސް ދެމި އޮންނާނެކަން،" ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ އިންޑިއާއާ ދެކޮޅުވުމަކީ ދިވެހީންނަށް ރަނގަޅުގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޖެހިގެން އައި ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ އާ ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ. އަދި އެ ގައުމާ އެކު ކުރީ ސަރުކާރުން 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ޗައިނާއާ ޚާއްޞަ ގުޅުމެއް ވަނީ ބާއްވަވާފައެވެ. އެގޮތުން ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ޕްރޮޖެކްޓްތައް ވަނީ ހިންގަވާފައެވެ.
އެހެންކަމުން އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސުރުޚީއަށް އަރާފައި ވަނީ "ޕްރޯ ޗައިނާ" ކެންޑިޑޭޓްގެ ގޮތުގައެވެ. ނަމަވެސް މުއިއްޒު ވަނީ އެކަމަށް ރައްދު ދެއްވައި އެމަނިކުފާނަކީ 'ޕްރޯ މޯލްޑިވްސް" ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައެވެ.