ކޭއެފްސީ އާއި ޕިއްޒާހަޓަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

ކޭއެފްސީ ކައުންޓަރަށް ކަޅުތެޔޮ ޖަހައިފައި--ފޮޓޯ/ އެމްވީކްރައިސިސް

މާލޭގައި ހުންނަ ޕިއްޒާ ހަޓާއި ކޭއެފްސީއަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފިއެވެ.

ޕިއްޒާ ހަޓާއި ކޭއެފްސީގެ އެތެރެއަށާއި ބޭރަށް ކަޅުތެޔޮ ޖެހީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ކަޅު ތެޔޮ ޖެހުމުގެ ސަބަބުން އެ ރެސްޓޯރެންޓްތަކުގެ ފާރުތަކަށާއި އެތެރެ މަރާމާތު ކުރަން ޖެހުނެވެ.

މިކަމާ ގުޅޭގޮތުން މިއަދު 'ސަން' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަޅު ތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖެހުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ޕޯސްޓުތައް ވަނީ ދައުރު ވެފައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ބައިނަލްއަގުވާމީ ހަރަކާތްތައް މިފަހުން ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ވެސް ސޯޝަލް މީޑިއާގައި އެފަދަ ހަރަކާތްތަކަށް ގޮވާލާއިރު، ބޮއިކޮޓް ކުރަން ގޮވާލާ ވިޔަފާރިތަކުގެ ތެރޭގައި ކޭއެފްސީ ހިމެނެއެވެ. ރާއްޖޭގައި މި ވިޔަފާރީތައް ކުރަމުން އަންނަނީ ދިވެހީން ހިއްސާވާ ކުންފުނިތަކުންނެވެ.

comment ކޮމެންޓް