މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު ފެލްކަން ޔުނައިޓެޑް ބަލިކޮށް ސުޕާ ކިންގް ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.
ދަރަވަންދޫގައި މިހާރު ކުރިއަށްދާ ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023 ގައި ރޭ ލީގު ތާވަލްގެ އެއް ވަނަ އާއި ތިން ވަނަ ބައްދަލުކުރި ފޯރިގަދަ މެޗު ސުޕާ ކިންގް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.
މި މެޗަށް ނިކުތްއިރު ލީގުގެ އެންމެ ކުރީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ފެލްކަން ޔުނައިޓެޑްއެވެ. އަދި ސުޕާ ކިންގް އޮތީ ލީގު ތާވަލްގެ ތިން ވަނައިގައެވެ.
ފެލްކަންގެ މައްޗަށް ކުރި ހޯދާ ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ސުޕާ ކިންގް ތާވަލްގެ ކުރިއަށް ޖެހިލީ މެޗުގެ އެންމެ ފަހު މިނެޓުގައި އަހުމަދު މުއާވިޒް (މާޑޭ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި އެންމެ ލަނޑެއް ފެނިގެންދިޔަނަމަވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިގެންގޮސްފައެވެ. ހާއްސަކޮށް ފެލްކަން ޓީމުގެ މުހައްމަދު ނާސިފް (ނާފް) އަށް ކީޕަރާއެކު ވަން އޮން ވަން ތިން ފުރުސަތެއް ލިބި ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގެ ހަމައެކަނި ލަނޑު ޖަހަން މަގުފަހިކޮށްދިން ސުޕާ ކިންގަށް ކުޅޭ ބ. އޭދަފުއްޓަށް ނިސްބަތްވާ މުހައްމަދު ފާސިރެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ނިއު ސްޕީޑް އާއި ޔުނައިޓް މަލަންމަގެވެ. މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ގޯލެއް ކާމިޔާބުނުކުރެވި 0 – 0 ކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި އެންމެ ފާހަގަ ކުރެވުނީ ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ފެނިގެންދިޔަ މޮޅު ސޭވްތަކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއު ސްޕީޑްގެ އަހުމަދު ޝިއާފު މުއާޒް (ޝިއްޕެ)އެވެ.
މި ނަތީޖާ އާއެކު ނިއު ސްޕީޑް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދު އާކޮށްފައެވެ. އަނެއްކޮޅުން ކުޅުނު ތިން މެޗުން ދެ ޕޮއިންޓާއެކު ޔުނައިޓް މަލަންމަގަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އެހެންނަމަވެސް މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކަށް އަދި ކުރިއަށްދިއުމުގެ ދޮރު ބަންދެއް ނުވެއެވެ.
މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ދަރަވަންދޫ ފުޓްސަލް ފިއެއްޓާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ވާދަކުރާނީ ކިންގްސް ޔުނައިޓެޑް އާއި އަލްބަޓްރޯސް ޖޫނިއާސް އެވެ. އަދި ދެވަނަ މެޗުގައި މިހާރު ލީގު ތާވަލްގެ އެއްވަނާގައި އޮތް ސުޕާ ކިންގް ނިކުންނާނީ ނިއު ސްޕީޑް އާދެކޮޅަށެވެ.