ފަލަސްތީނުން ޑަބްލިޔުއެޗްއޯއާ މުއާމަލާތްކުރުން ހުއްޓާލަނީ

ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލް. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ޑައިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރުމާ އެކު، ހޮސްޕިޓަލްތަކުން ބަލި މީހުންނާއި ސިއްހީ ފަރުވާދޭ މުވައްޒަފުން ނެރުމާ ގުޅޭ މުއާމަލާތްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާ އެކު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

"މުހައްމަދު އަބޫ ސަލްމިޔާ އާއި ގިނަ އަދަދެއްގެ ޑޮކްޓަރުން ހައްޔަރުކުރި މައްސަލަ އަޅުގަނޑުމެން ކުށްވެރިކުރަން. ޑޮކްޓަރާއި އޭނާއާ އެކު ތިބި މީހުން ދޫކޮށްލުމުގެ ޒިންމާ ނަގަން ހުރިހާ ފަރާތަކަށް އަޅުގަނޑުމެން ގޮވާލަން. މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް," ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ދަ ނޭޝަނަލްއަށް ވިދާޅުވިއެވެ.

އަދި, ޑޮކްޓަރު ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އަލް ޝިފާއިން ބަލި މީހުން ނެރެމުންދާ އދ ގެ އުޅަނދެއްގައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ޣައްޒާގެ އުތުރާއި ދެކުނު ސަރަހައްދު ވަކިކުރާ ޗެކްޕޮއިންޓެއްގައި އިސްރާއީލު ސިފައިން ވަނީ ހަތް ގަޑިއިރަށް އުޅަނދު ހުއްޓުވާފައި ކަމަށާއި އަދި އުޅަނދުގައި ތިބި ބަލި މީހުން ހިމެނޭހެން އެންމެންނަށް އިސްރާއީލު ސިފައިން އަނިޔާ ކޮށްފައިވާ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

ކަންހިނގި ގޮތް ސާފުކޮށް ބަޔާންކޮށް ރިޕޯޓެއް އާންމުނުކުރާހާ ހިދަނކު ޑަބްލިޔުއެޗްއޯއާ މުއާމަލާތްނުކުރާނެ ކަމަށް ވެސް އަޝްރަފް ވަނީ ވިދާޅުވެފައެވެ.

ޝިފާ ހޮސްޕިޓަލްގެ އިތުރުން ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލުން ވެސް ބުދަ ދުވަހުގެ ރޭ 400 އަށް ވުރެ ގިނަ މީހުން ނެރެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ. އެ ހޮސްޕިޓަލް ވަށާލައިގެން އިސްރާއީލުގެ ސިފައިން ތިއްބެވެ.

ޝިފާ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދަމުންދާ ބަލި މީހުންނާއި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މަޖުބޫރުކޮށްގެން އެތަން ހުސްކުރަން އިސްރާއީލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީހުން ހުސްކުރުމަށް ފަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އެއްވެސް ތަނެއް ހޮސްޕިޓަލް ތެރޭގައި ހުރިތޯ ބަލާނެ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ހަމާސްއިން އަންނަނީ ޝިފާ ހޮސްޕިޓަލް ތެރޭގައި ޓަނަލެއް ހަދައި އެތަން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އަދި, ހަމާސްގެ ޓަނަލެއް ކަމަށް ބުނާ ތަނެއް ފެންނަ ވީޑިއޯއެއް ވެސް އިސްރާއިލުން މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފައެވެ. ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 14،500 ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް