ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް އެ ސިނާއަތް ފުޅާކުރުމުގައި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އެވޯޑު އޭނާއަށް އަރުވައިފިއެވެ.
އޭނާއަށް މި އެވޯޑު އެރުވީ އެކަމަށް ޓަކައި ޚާއްސަކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާގައި ސަޓާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ހަފުލާގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ، މި އެވޯޑު އޭނާއަށް ލިބުމުން ނުހަނު އުފާކުރާ ކަމަށެވެ. އެއާއެކު އޭނާވަނީ މީގެ ކުރިން ދެކުނު އޭޝިއާގައި ފަތުރުވެރިކަން އޮތްގޮތުގެ ހަނދާންތައް އާކުރައްވާފައެވެ.
އެގޮތުން ކުރިން ދެކުނު އޭޝިއާއަކީ މާ ބޮޑަށް މި ދާއިރާގައި ފާހަގަވެފައިވާ ސަރަހައްދެއް ނޫންކަމަށާއި އެވޯޑުތައް ދިނުމުގައި ވެސް ދެކުނު އޭޝިއާއަށް މާ ބޮޑު ސަމާލުކަމެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ ކުޑަކުޑަކޮށް ކަމަށެވެ. ނަމަވެސް އޭގެ 51 ފަހުން މި ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށްވެފައިވާކަން ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް މި ކަމާމެދު ވިސްނައިގެން ތިބިއްޔާ ރަނގަޅު ވާނެ. ރަނގަޅަށް ގެންގޮސްފިއްޔާ ހަމަ ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.
އެމްޔޫ މަނިކު ވިދާޅުވީ، ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ޑައިވާސިފައިކުރުން މުހިންމުކަމަށެވެ.
"ޓުއަރިޒަމަކީ ވަރަށް ފުޅާ ދާއިރާއެއްގެ އެއްޗެއް. ރަނގަޅަށް ޑިވެލޮޕްވާން ބޭނުއްމިއްޔާ ހުރިހާ ދާއިރާއަކުން ޑައިވާސިފައި ކުރަން ޖެހޭނެ" އޭނަ ވިދާޅުވިއެވެ.
ސަޓާ އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ. މި އެވޯޑު ހަފްލާގައި އެވޯޑުތައް ކަނޑައަޅަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ.
އެމްޔޫ އުމަރު މަނިކަކީ ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގެ ތެެރެއަށް އެންމެ ފުރަތަމަ ވަތް އިރު އެ ކަމުގައި އުޅުއްވި ބޭފުޅެކެވެ. މިއަދު ވެސް މި ދާއިރާގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. އަދި ދާއިރާ ކުރިއެރުވުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.