ޣައްޒާގެ ހަނގުރާމައިގާ ހަމާސްގެ އަތްދަށުން އިސްރާއީލު ބަލިވެ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ބާރުގެ ބޭނުންކޮށްގެން މިނިވަންކުރުމަށް އިސްރާއީލުގެ ސިފައިން ނުކުޅެދުމުން އިސްރާއީލު މިހާރު ވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައި މަރުހަލާތަކަށް ބަހާލައިގެން އަސީރުން މިނިވަންކުރުގެ އެއްބަސްވުމަކަށް ހަމާސްއާ އެކު މަޖުބޫރީ ހާލަތުގައި ގޮސްފައެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި ދޫރުކުރުމަށް ހަމަޖެހިފައިވަނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އާންމުންގެ 50 މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ތެރެއިން 150 މީހެކެވެ. މި 150 މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނެވެ.
އަސީރުން މިނިވަންކުރުމުގެ އިތުރުން މި އެއްބަސްވުމުގައި ހިމެނެނީ ޣައްޒާގެ އާންމުންނަށް ބޭނުންވާ މިންވަރަށް އިންސާނީ އެހީގެ ގާފިލާތައް ވެއްދުމެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ލޮރީގެ އިންސާނީ އެހީގެ ތަކެތި ވެއްދުމާއި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މިންވަރަށް ތެލާއި ގޭސް އެތެރެކުރުމުގެ ފުރުސަތު ދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތުން އަސީރުން ބަދަލުކުރުމުގެ ކަންތައް ގަތަރު، މިސްރު އަދި އެމެރިކާއާއި އިންޓަނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމިއްޔާ މެދުވެރިކޮށް މިހާރު ހިންގަމުން އެބަދެއެވެ. އެއްބަސްވުމާ އެއްގޮތަށް ހަމަލާތައް ހުއްޓާލުމަށް ހަމަޖެހިފައިވަނީ މިއަދެވެ. ހަމަލާތައް ހުއްޓައިލަނީ ހަތަރު ދުވަހަށެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ މުއްދަތު ފަހުން އިތުރުކުރެވިދާނެ ކަމަށް އިސްރާއީލު ބުނެއެވެ.
އިސްރާއީލުގެ ވެރިން މަސައްކަތްކުރީ ޣައްޒާގެ އާންމުންގެ ބޮލަށް ބޮން އަޅައި ގިނަ އަދަދަކަށް މީހުން މަރައި ފަލަސްތީނު މީހުންނަށް ބިރުދައްކައި އެ މީހުން ނިކަމެތިކޮށްލައި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތާ ހަނގުރާމަ ކޮށްގެން އަސީރުން މިނިވަން ކުރުމަށެވެ. ނަމަވެސް ހަމާސްއިން ފުރަތަމަ ވެސް ވަނީ އިސްރާއީލުގެ އަސީރުންގެ ބަދަލުގައި ފަލަސްތީނުގެ އަސީރުން މިނިވަންކުރާގޮތަށް މައްސަލަ ހައްލުކުރުމަށް އެދިފައެވެ.
އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެންމެ ފަހުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެމެރިކާގެ މަސްއޫލުވެރިއެއް ކަމަށްވާ ބްރިޔަޓް މެކްގޯކާ ބައްދަލުކޮށް އޭނާގެ ކައިރީގައި ބުނެފައިވަނީ ހަމާސްގެ ހުރިހާ މީހުން މަރާނެ ކަމަށާއި މެރުމަށް ފަހު އިސްރާއީލުގެ ހުރިހާ އަސީރުން ވެސް މިނިވަން ކުރާނެ ކަމުގައެވެ. އަދި، ޣައްޒާ އެއްކޮށް އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ވެސް ގެންދާނެ ކަމުގައެވެ.

ޔަހޫދީންގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން (ފަލަސްތީނުގެ ނަސްލު ނައްތާލުމުގައި ބައިވެރިވާކަމުގެ ދައުވާ ވަނީ އުފުލާފައި)
ނަމަވެސް އޭގެ ހަފުތާއެއް ފަހުން ނަތަންޔާހޫ އިއްޔެ ވަނީ ހަމާސްއާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަންކުރެވޭނެކަމުގެ އުންމީދު ނެތްކަމަށް މާޔޫސީ ހާލަތެއްގައި ހުރެގެން ބުނެފައެވެ. އަދި، ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައި ހަމާސްއާ އެކު އެއްބަސްވާ އެއްބަސްވުމެއްގެ ދަށުން އަސީރުން މިނިވަންކުރުމަކީ މިހާރަށް މިކަން ކުރެވެން އޮތް ގޮތް ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އެހެންކަމުން ނަތަންޔާހޫއަށް ހަމާސް ބައްޔެއް ވެސް ނުކުރެވުނެވެ. އަދި، ބާރުގެ ބޭނުންކޮށްގެން އެންމެ އަސީރަކު ވެސް މިނިވަނެއް ނުކުރެވުނެވެ. އެންމެ ފަހުން މި ޖެހުނީ ހަމާސްއިން އެދުނުގޮތަށް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވެސް ދާށެވެ. މިއީ ހަމާސްގެ ކުރިމަތީގައި އިސްރާއީލު އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން މުޅިން ބަލިވުންކަމަށް ޚުދު އެމެރިކާގެ އަސްކަރީ މުހައްލިލުން ވެސް އެއްބަސްވެވަޑައިގަނެއެވެ.
އިސްރާއީލުގެ އަސްކަރީ ވިސްނުން ބިނާކޮށްފައިވަނީ ބިރުދެއްކުމާއި ކުއްލި ޝޮކްގެ މައްޗަށެވެ. އެއީ، ޝޮކް އެންޑް ހޮރޯއެވެ. އެމެރިކާ އިރާގުގެ ފައްލޫޖާއާއި މޫސަލްގައި ވެސް އާންމުންގެ އެތައް ލައްކަ ބަޔަކު މެރީ ވެސް ޝޮކް އެންޑް ހޮރޯ ގެ ތިޔަރީ ބޭނުން ކޮށްގެންނެވެ. ޝޮކް އެންޑް ހޮރޯގެ ދަށުން އިސްރާއީލުން ހަމަލާ ދިނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި އާންމުންގެ ގެދޮރަށާއި އާންމު ރައްކާތެރިކަން ހޯދައިގެން ތިބޭ މަދަނީ ތަންތަނަށެވެ.
މިއީ ބައިނަލްއަޤުވާމީ ގާނޫނަށް ބަލާއިރު ސީދާ ހަނގުރާމައިގެ ޖަރީމާއެވެ. މި ޖަރީމާތައް ހިންގުމުގައި އިސްރާއީލުގެ ގިނަ ބޭނުންތަކެއް ވެއެވެ. އޭގެ ތެރޭގައި ޣައްޒާ ދޫކޮށް ދިޔުމަށް ޣައްޒާގެ އާންމުންނަށް މަޖުބޫރު ކުރުވުމާއި ހަމާސް ދެކެ ރުޅިއައުމަށް މަޖުބޫރު ކުރުމާއި އިސްރާއީލަކީ އާދަޔާ ޚިލާފު ގަދަބާރެއްކަން ދެއްކުމާއި އިންސާނުންނަށް ދިރުނޫޅެވޭނެ ތަނަކަށް ޣައްޒާ ހެދުމާއި އިސްރާއީލާ ދެކޮޅަށް ޖިހާދުކޮށްގެން މިނިވަންވުމަށް ފަލަސްތީނު ރައްޔިތުން ގެންގުޅޭ ހިތްވަރު މަރާލައި ރޫހު ނައްތައިލުން ހިމެނެއެވެ.
ނަމަވެސް ޣައްޒާއަށް ބޮން އަޅައި 14،000 އަށް ވުރެ ގިނަ އާންމުން ޝަހީދުކޮށް 33،000 އަށް ވުރެ ގިނަ އާންމުން ޒަޚަމްކޮށް މިލިޔަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖައްސައިގެން ވެސް މިއިން އެއްވެސް މަގުސަދެއް އިސްރާއީލަށް އެއްވެސް މިންވަރަކަށް ހާސިލު ނުކުރެވުނެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި މި ހުރިހާ ގަތުލު އާންމުތަކާއި ނަސްލު ނައްތައިލުމުގެ ޖަރީމާތަކުގެ ފަަހަތުގައި އޮތީ އެމެރިކާއާއި ކެނެޑާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކެވެ. އިސްރާއީލަށް ވާގިވެރިވެ ހިއްވަރުދީ އަދި ހަތިޔާރު ވެސް ދިނީ މި ގައުމުތަކުންނެވެ.
ނަމަވެސް ކިތަންމެ ބޮމެއް އެޅި ނަމަވެސް ހާހުން ތުއްތުކުދިން މެރި ނަމަވެސް ޣައްޒާގެ އާންމުން އެ މީހުންގެ ބިމަކުން ވެސް ނުފޭބިއެވެ. ހަމާސް ދެކެވާ ލޯބި ވެސް ކަނޑުވައެއް ނުލެވުނެވެ. މިނިވަންކަމުގެ ރޫހު ވެސް މަރައެއް ނުލެވުނެވެ. ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށެއް ވެސް ނުލެވުނެވެ. އިސްރާއީލުގެ ގަތުލުއާންމުތަކުގައި ޣައްޒާގެ ރައްޔިތުން މަރުވަމުންދަނީ އެ މީހުންގެ ބިމުގައެވެ. އެ ބިމުން އެ މީހުން ބޭރެއް ނުކުރެވުނެވެ.
ހޮސްޕިޓަލްތަކާއި ގެތަކާއި ސްކޫލްތައްފަދަ އިންފްރާސްޓްރަކްޗަރުތަކަށް ހަމަލާދީ އެ ތަންތަން ހަލާކުކޮށް ޣައްޒާއަކީ އިންސާނުން ދިރިނޫޅެވޭނެ ތަނަކަށް ހެދި ނަމަވެސް ޣައްޒާގެ ރައްޔިތުން ތިބީ އެ ތާނގައި ދިރިއުޅޭގޮތަށެވެ. ޣައްޒާއިން ބޭރަށް ނުދާގޮތަށެވެ.
ދެން އޮތީ ހަމާސް ނައްތާލުމަށް ކުރާ ހަނގުރާމައިގެ ވާހަކައެވެ. މި ހަނގުރާމައިގައި އިސްރާއީލު ވަނީ އަދި މާ ބޮޑަށް ނާކާމިޔާބުވެފައެވެ. މާ ބޮޑަށް ގޮތްހުސްވެ މާޔޫސްވެފައެވެ. ހަމާސްގެ މުޖާހިދުން އަމިއްލައަށް އުފައްދާ ވަރަށް އާދައިގެ ހަތިޔާރުން އިސްރާއީލު ސިފައިންގެ ޒަމާނީ އެތައް ސަތޭކަ އަސްކަރީ އުޅަނދެއް ވަނީ ހަލާކޮށްލައިފައެވެ. އިސްރާއީލު ސިފައިންގެ 70 އަށް ވުރެ ގިނަ މީހުން މަރާލައި 170 އަށް ވުރެ ގިނަ އިސްރާއީލު ސިފައިން ޒަޚަމްކޮށްލުމުގައި ހަމާސްގެ މުޖާހިދުން ވަނީ ކާމިޔާބު ހޯދާފައެވެ.
ހަމާސްއާ ހަނގުރާމަކޮށްގެން އިސްރާއީލުގެ އެންމެ އަސީރަކު މިނިވަން ކުރުމުގައި ވެސް އަދި ހަމާސްގެ މުޖާހިދުން ބަލިކަށިކޮށްލުމުގައި ވެސް އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލުގެ ސިފައިން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ހަތިޔާރެއް ނެތް ކުޑަކުދިންނާއި އަންހެނުންގެ ކުރިމަތީ މާ ބާރުގަދަ ބައެއް ކަމަށް ދެއްކި ނަމަވެސް ހަމާސްގެ މުޖާހިދުންގެ ކުރިމަތީގައި އިސްރާއީލު ސިފައިން ވެގެންދިޔައީ ވަރަށް ނިކަމެތި އަދި ފިނޑި ބަޔަކަށެވެ.
އިސްރާއީލު ސިފައިންނަކީ އެމެރިކާ ސިފައިންނެކޭ އެއްގޮތަށް އެއްގަމުގައި ބިންމަތީގައި ހަނގުރާމަ ކުރުމުގެ އެއްވެސް ގާބިލުކަމެއްނެތް ބަލިިކަށި އަދި ފިނޑި ބައެއްކަން މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ. ފަލަސްތީނު މުޖާހިދުންނަށް ހަތިޔާރުގެ އެއްވެސް އެހީއެއް ނުލިބި އިސްރާއީލު ސިފައިން ބަލިކޮށްލެވޭއިރު މުޖާހިދުންނަށް ކުޑަ ނަމަވެސް ހަތިޔާރެއް ލިބޭގޮތްވެއްޖެ ނަމަ ހަމާސްއިން އެކަނި ވެސް އިސްރާއީލުގެ ވަސް ފުހެލައި ފަލަސްތީނުގެ ބިމުން ޔަހޫދީންތައް ބޭރުކޮށްލަން މާ ގިނަ ދުވަސްތަކެއް ނުނަގާނެކަމުގެ ބިރު އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް އިހުސާސް ކުރެއެވެ.
އަދި، އިސްރާއީލޭ ކިޔާ ޒަޔަނިސްޓް އެންޓިޓީ ކުރުމުއްދަތެއްގައި ނައްތައިލުމަކީ ހަމާސްއަށް ކުރެވޭނެ ކަމެއް ކަމާއި އިސްރާއީލަށް ކުރަން ކެރޭ އަދި އިސްރާއީލު ދަންނަ ހަނގުރާމައަކީ ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ބޮންއަޅައި ހަތިޔާރުނެތް ކުޑަކުދިންނާއި ދުވަސް ނުފުރާ ވިހާ ތުއްތު ކުދިން މެރުންކަން ވެސް މި ވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ.