ވައުދާ އެއްގޮތަށް ދައުލަތުގެ ޚަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވަން ފަށަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ ޑރ. ޝަހީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ދައުލަތުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ފަސް އަހަރުތެރޭގައި ދައުލަތުގެ އެހީގައި 1000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އެހީގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު ފޮނުވާނެ ކަމަށެވެ.

އަދި ކޯޓާގެ ރަސްމީ އަދަދު ހަމަޖެހުމުން ފޮނުވާނެ އަދަދެއް އިއުލާނު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މީހުންނަށް އެ ފުރުސަތު ދޭނެ އުސޫލު ހަދަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާތަކުގެ ތެރެއިން މުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި 1000 މީހުން ހިލޭ ހައްޖަށް ފޮނުވައިދޭނެ ކަމަށެވެ. އަދި، މީހުން ހައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ހައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް