ވަޤުފު އިމާރާތެއް ހުޅުމާލޭގައި އަޅަނީ

ވަޤުފު އިމާރާތް: އާ ފަގުފު އިމާރާތެއް އެޅުމަށް ވަނީ ނިންމާފައި-- ފޮޓޯ: ޕީއެސްއެމް

މިސްކިތު ފަންޑަށް ފައިސާ ހޯދުމަށްޓަކައި އާ ވަޤުފު އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވަޤުފު އިމާރާތެއް ބިނާ ކުރެއްވީ ވެސް 2014 ވަނަ އަހަރު ޝަހީމްގެ އިސްލާމިކް މިނިސްޓަރު ކަމުގެ ދަށުގައެވެ. އެ އިމާރާތް އެޅީ މާފަންނު މަދަރުސާއާ ޖެހިގެން ހުޅަނގަށް އޮންނަ ބިމުގައެވެ.

ޝަހީމް މިއަދު ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުއިއްޒު، މިސްކިތް ފަންޑު ތަރައްގީކޮށް، ވަޤުފު އިމާރަތްތައް އިތުރުކޮށް، ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އަޅުއްވާނެ ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިހާރު ގާއިމު ކުރެވިފައިވާ ވަޤުފު ފަންޑު އިމާރާތުން އަހަރު ހަ މިލިއަން ރުފިޔާ ފަންޑަށް ލިބޭ ކަމަށެވެ. އެ ފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިސްކިތްތައް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް