ކާތިކަށް އެންމެ ފަހުން ދަރުމާގެ ފިލްމެއް

އެކްޓަރު ކާތިކް އާރިޔަން

އިއްޔެ ޢުމުރުން 33 އަހަރު ފުރުނު ބޮލީވުޑްގެ އެކްޓަރު ކާތިކްގެ އުފަންދުވަހު އެކްޓަރުގެ ސަޕޯޓަރުން ސިއްސުވައިލީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ދަރުމާގެ ފިލްމަކަށް ސޮއިކުރި ޚަބަރާ އެކުއެވެ.

މި ފިލްމަކީ، ދަރުމާ ޕްރޮޑަކްޝަންސް އާއި އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ. ވަކި ނަމެއް އަދި ހަމަޖެހިފައިނުވާ މި ފިލްމު އިއުލާނުކޮށްފައިވަނީ ކާތިކް އާއި ޑައިރެކްޓަރު ކަރަން ޖޯހަރާ ދެމެދު ފިލްމެއްގެ މައްސަލައިގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމުގެ އަޑުތައް ފެތުރި ދެ މީހުންގެ ގުޅުން ގޯސްވެފައިވާ ކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށެވެ.

ކާތިކް އާރްޔަން ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޕޯސްޓަރެއްގައި
އަންނަ އަހަރުގެ އޮގަސްޓް މަހު ތެރޭ ފިލްމު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީއެވެ. ސަންދީޕަކީ، ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑިޒްނީގެ ވެބް ސީރީސް "ދަ ނައިޓް މެނޭޖާ" އަދި "އާރިޔާ"ގެ ޑައިރެކްޓަރެވެ.

ދަރުމާއިން ތަންކޮޅެއް ކުރިން އިއުލާނުކުރި ފިލްމު "ދޯސްތާނާ2"އިން ކާތިކް ވަކިވުމާ ގުޅިގެން ދަރުމާގެ ފިލްމަކުން އެކްޓަރު ނުފެންނާނެ ކަމަށް ހީވެފައި އޮތް އޮތުން ނިމުމަކަށް އައިސް ކާތިކްއާ އެކު މުޅީން އާ ފިލްމެއްގައި މަސައްކަތް ކުރަން ލިބުނު ފުރުސަތާ މެދު ސަންދީޕް އުފާކުރާ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ. އަދި، މި ފެށުނު އާ ދަތުރަކީ އުފާވެރި އަދި މުޅި ދަރުމާގެ ޓީމު ވެސް ފަޚުރުވެރިވާނެ ދަތުރަކަށް ހެދުމުގެ މަސައްކަތް ސަންދީޕް ކުރާނެކަމަށް ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ދާދި ފަހުން ނިންމާލި އެކްޓަރު ވަނީ ކުރިން އެކްތާ ކަޕޫރާ އެކު ފިލްމު "ފްރެޑީ"ގައި މަސައްކަތް ކޮށްފައެވެ. އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭ ކާތިކްގެ ފިލްމު "ޗަންދޫ ޗެމްޕިއަން" އަކީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް