ޖެހިޖެހިގެން ދެވަނަ މެޗުން ޖަރުމަނު ބަލިވެއްޖެ

ޖަރުމަނުވިލާތުގެ ކެޕްޓަން އިލްކާއި ގުންޑޮގާން އަތުން ބޯޅަ ހީދުމަށް އޮސްޓްރިއާ ކުޅުންތެރިން މަސައްކަތް ކުރަނީ / ފޮޓޯ: ދި ނެމީބިއަން

އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަރުމަނު ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެއެވެ.

ޖަރުމަނު މި ފަހަރު ބަލިވީ ރަށުން ބޭރުގައި އޮސްޓްރިއާއާ ބައްދަލުކޮށް 2-0 އިންނެވެ.

ރަހުމަތްތެރިކަމުގެ ގޮތުން ކުޅުނު މި މެޗުގައި ޖަރުމަނުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދައިފައިވަނީ އޮސްޓްރިއާއިންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ލަނޑުޖަހައި، އޮސްޓްރިއާއިން ލީޑު ނެގީ ފުރަތަމަ 29 މިނެޓުގެ ތެރޭގައެވެ. އެ ލަނޑު ޖަހައިދިނީ މާސެލް ސަބިޓްޒާއެވެ.

މެޗުގައި ޖަރުމަނުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި ނަމަވެސް އެ ކަން ނާކާމިޔާބުވީ މެޗުގެ 49ވަނަ މިނެޓުގައި ލިރޯއި ސާނޭއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

އެއާއެކު ދެވަނަ ހާފުގެ ބޮޑު ބައި ޖަރުމަނުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގައި އޮސްޓްރިއާގެ ދެވަނަ ލަނޑު އެ ޓީމުގެ ކުޅުންތެރިޔާ ކްރިސްޓޯފް ބައުމްގާޓްނާ ކާމިޔާބުކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައެވެ.

ޖަރުމަނަށް މި މެޗުން ލިބުނު ބައްޔާއެކު ޖަރުމަނު ޓީމުގެ އާ ކޯޗު ޖޫލިއަން ނާގެލްސްމަންއަށް ޕްރެޝަރުތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އެއީ ނާގެންލްސްމަންގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު އެދެވޭ ކާމިޔާބެއް ލިބިފައިނުވާތީއެވެ. އެގޮތުން ފުރަތަމަ މެޗުން އެމެރިކާ އަތުން މޮޅުވި އިރު ދެވަނަ މެޗުގައި މެކްސިކޯ އާއި ބައްދަލުކޮށް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ތުރުކީއާ ބައްދަލުކުރި މެޗުންވީ ބައްޔެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ނާގެލްސްމަން ބުނީ އޭނާގެ ޓީމު ކުޅެނީ އެންމެ މިނިވަންކަމާއެކުގައި ނޫންކަމަށެވެ.

އެގޮތުން ފަރިތަކުރުންތަކުގައި އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ނަމަވެސް މެޗުތަކުގައި އެ ކުޅުން ދައްކާ މަންޒަރު ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް