ދެކުނު އެފްރިކާއިން ވަގުތީ ގޮތުން އިސްރާއީލާ ގުޅުންތައް ކަނޑާލައިފި

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރަމަފޯޒާ

ކޭޕްޓައުން (22 ނޮވެންބަރު 2023): އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އާންމުން މެރުމަށް ރާވައިގެން ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާ އަދި އާންމުންގެ ގެދޮރަށް ހަމަލާދީ އެތައް ހާސްބަޔަކު މަރަމުން ގެންދާތީ ދެކުނު އެފްރިކާއިން އިސްރާއީލާ ގުޅުންތައް ވަގުތީގޮތުން ކަނޑާލައިފިއެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އިސްރާއީލުގައި ހުންނަ އެ ގައުމުގެ ޑިޕްލޮމޭޓުން އަނބުރައި ގައުމަށް ގެނެސް އެންބަސީ ވަގުތީގޮތުން ބަންދުކުރުމަށް ރައީސް ސީރިލް ރަމަފޯޒާ ނިންމަވައިފި ކަމުގައެވެ. މި ނިންމުމާ ގުޅިގެން ދެކުނު އެފްރިކާގައި ހުރި އިސްރާއީލުގެ އެންބަސީ ވެސް ބަންދުކޮށް ޑިޕްލޮމޭޓުން ގެންދިޔުމަށް އިސްރާއީލަށް އަންގާފައިވާނެ ކަމުގައެވެ.

ދެކުނު އެފްރިކާއަކީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލައި ބައިނަލްއަގްވާމީ މަހްފަލްތަކުގައި އިސްރާއީލުގެ ލާއިންސާނިއްޔަތާއި އަނިޔާވެރިކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުން ގެންދާ ގައުމެކެވެ.

ދެކުނު އެފްރިކާއިން ވަނީ އިސްރާއީލުގެ މި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގައި ހުންނަވާ އެ ގައުމުގެ ސަފީރު މީގެ ތިން ހަފުތާކުރިން އަނބުރައި ގައުމަށް ގެނަސްފައެވެ. އަދި، ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު އަނބުރައި އިސްރާއީލަށް ފޮނުވާލާފައެވެ.

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާ އަދި އާންމުންގެ ގެދޮރަށް ހަމަލާދީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަކުން ފެށިގެން މިހާތަނަށްވަނީ 13،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 32،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތާ ކުރިމަތިލައިގެން އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ.

ހަމާސްއާ އެއްގަމުން ކުރިމަތިލައިގެން އިސްރާއީލުގެ 70 އަށް ވުރެ ގިނަ ސިފައިން މަރުވެ 150 އަށް ވުރެ ގިނަ ސިފައިން ޒަޚަމްވެ އިސްރާއީލުގެ ގިނަ އަދަދެއްގެ ހަތިޔާރު ވަނީ ހަލާކުވެފައެވެ. އަދި، ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައި ވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ނަތީޖާއަކަށްވީ ހަމާސް އެދުނު ގޮތަށް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން އިސްރާއީލަށް މަޖުބޫރުވުމެވެ. ގަތަރާއި މިސްރާއި އެ ނޫން ވެސް ފަރާތްތައް މެދުވެރިއަކަށް ވެގެން ވުޖޫދަށް ގެނައި އެއްބަސްވުމުގައިވަނީ ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައި ދެފަރާތުން ވެސް މަދު އަދަދެއްގެ އަސީރުން މިނިވަން ކުރުމެވެ.

އެއްބަސްވުމުގައި ވަނީ ހަމާސްއިން އިސްރާއިލުގެ 50 އަސީރުން މިނިވަންކޮށް އިސްރާއީލުން ފަލަސްތީނުގެ 150 އަސީރުން މިނިވަން ކުރުމެވެ. މި އެއްބަސްވުމާ އެއްގޮތަށް ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމުގެ ކަންތައް ތަންފީޒުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިސްރާއީލަށް ލިބުނު ބޮޑު ނާކާމިޔާބެއް ކަމަށް މުހައްލިލުން ސިފަކުރެއެވެ.

comment ކޮމެންޓް