ޣައްޒާ (21 ނޮވެންބަރު 2023): ހަމާސް ޖަމާއަތް ބަލިކުރުމުގައާއި އެ ޖަމާއަތުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައި ޔަހޫދީ ސިފައިން ނާކާމިޔާބުވުމުން ހަމާސްއާ އެކު ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދާން އިސްރާއީލަށް އެންމެ ފަހުން މަޖުބޫރު ވެއްޖެއެވެ.
މި އެއްބަސްވުން ބިނާވެފައިވަނީ ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި އަސީރުން މިނިވަން ކުރުމުގެ މައްޗަށް ކަމަށް ހަމާސްގެ އިސް ވެރިއެއް ކަމަށްވާ އިއްޒަތުއްރިޝްގު ވިދާޅުވިއެވެ. އިއްޒަތު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ހަމަލާތައް ހުއްޓާލުމާއި އަސީރުން ބަދަލުކުރުމުގެ ކަންތައް އެއްބަސްވުމުގެ ދެލިކޮޕީގައި ހިމެނިފައިވަނީ ހަމާސްއިން ކުރިން ވެސް އެދުނު ގޮތާ ދާދި އެއްގޮތަށް ކަމުގައެވެ. އެއްބަސްވުމުގެ ދެލޮކޮޕީއަށް ހަމާސްގެ ރުހުން އޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެއްބަސްވުމުގެ ދެލިކޮޕީ ބިނާވެފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 10 ވަރަކަށް ހާސް އަސީރުން މިނިވަންކުރާ ގޮތަށް ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ވެސް މިނިވަން ކުރާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަލާތައް ހުއްޓާލުމާއި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މައިގަނޑު ގައުމަކީ ގަތަރެވެ. ގަތަރުން މިއަދުގެ ވަގުތެއްގައި މި އެއްބަސްވުމުގެ ތަފުސީލު ހާމަކުރާނެ ކަމަށް ވެސް ހަމާސްގެ އިސް މަސްއޫލުވެރިޔާ އިއްޒަތުއްރިޝްގު ވިދާޅުވިއެވެ.
އިސްރާއީލު ބޭނުންވީ ހަމާސްއާ އެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ނުގޮސް ހަމާސް ބަލިކޮށް އެ ޖަމާއަތުގެ އަތްދަށުން ގަދަބާރުން އަސީރުން މިނިވަންކުރުމުގެ ހަނގުރާމައެއް ފެށުމަށެވެ. މި ހަނގުރާމަ އިސްރާއީލުން ފެށިތާ ދޮޅު މަސްވެފައިވާއިރު އެންމެ އަސީރަކު ވެސް މިނިވަން ކުރުމުގައި ވެސް އިސްރާއީލު ސިފައިންވަނީ ނާކާމިޔާބުވެފައެވެ. އަދި، ހަމާސް އަސްކަރީ ގޮތުން ބަލިކުރުމުގައި ވެސް ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.

ހަމާސްގެ މަސްއޫލުވެރިއެއް ކަމަށްވާ އިއްޒަތުއް ރިޝްގު --
މިކަމުގެ ސަބަބުން އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން ވެސް ގެންދަނީ އިސްރާއީލުގެ ސަރުކާރަށް ވަރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް ބަދަލުހިފުމުގެ ގޮތުން ޣައްޒާ ފުނޑާލައި ޣައްޒާގެ އާންމުން ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުން މަރައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި އެ މީހުންގެ ނަސްލު ނައްތައިލުމުގެ ޖަރީމާތައް ހިންގުމުގައި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
މީގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅައި އެ ތަންތަން މުޅިން ކަހަލަ ގޮތަކަށް ހަލާކުކޮށް ފަނާކޮށްލުމާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ 12،000 އަށް ވުރެ ގިނަ އާންމުން މަރައި 31،000 އަށް ވުރެ ގިނަ އާންމުން ޒަޚަމްކޮށް މުޅި ޣައްޒާ ސުންނާފަތިކޮށް އާންމުން ހާލުގައި ޖެއްސުމެވެ.
ނަމަވެސް ހަމާސްއާ ހަނގުރާމަކޮށްގެން މުޅިން ވެސް އިސްރާއީލަށް ލިބިފައިވަނީ ނާކާމިޔާބެވެ. މީގެ ތެރޭގައި އިސްރާއީލު ސިފައިންގެ 70 އަށް ވުރެ ގިނަ މީހުން ހަމާސްގެ އަތްދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މަރުވުމާއި އެތައް ސަތޭކަ ސިފައިން ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި ޒަޚަމްވުން ހިމެނެއެވެ. ހަމާސްއާ ކުރިމަތިލައިގެން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވަމުން ދިޔުމަކީ ވެސް އިސްރާއީލަށް ޣައްޒާގެ ގަތުލުއާންމުތައް ކުރިޔަށް ގެންދަން އެންމެ ދަތިވާ ސަބަބެވެ.
ގަތުލު އާންމުތައް ހިންގައިގެން ޣައްޒާގެ އާންމުންގެ ނަސްލު ނައްތައިލުމުގެ ޖަރީމާ އިސްރާއީލުން ހިންގީ އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިން ބާރުގެ ފުރިހަމަ ރުހުމާއި އެ ގައުމުތަކުގެ ތާއީދާއި މަދަދު ލިބިގެންނެވެ. މިގޮތުން އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ކުރިން ވެސް އަދި މިހާރު ވެސް ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮން އަޅައި އާންމުން މެރުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް ވަރަށް ފުރިހަމައަށް އިސްރާއީލަށް ފޯރުކޮށްދީ ހަމަލާތަކާއި ގަތުލުއާންމުތައް ހުއްޓައިނުލުމަށް އިސްރާއީލަށް ހިތްވަރު ދެމުންނެވެ.
ނަމަވެސް މިކަމުގެ ސަބަބުން ޔޫރަޕްގެ އާންމުންގެ މެދުގައާއި ދުނިޔޭގެ ގައުމުތަކާއި ދުނިޔޭގެ އާންމުންގެ މެދުގައި އެމެރިކާއާއި ޔޫރަޕްގެ އަގު މިހާރު ވަނީ ވެއްޓިފައެވެ. އަދި، ހުޅަނގުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ދައްކަނީ އަސާސެއް ނެތް ފޭކު ވާހަކަތަކެއްކަން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.
އަނެއްކޮޅުން ދުނިޔޭގެ ގައުމުތަކުގެ އާންމުން ގެންދަނީ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް ތެދުވެ، އަޑުއުފުލައި އަދި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ އުފެއްދުންތައް ބޮއިކަޓު ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި ހަމާސްއާ އެކު އިސްރާއީލުން އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދިޔުމުގެ ކަންތައް ނިމުމަކާ ގާތަށް ގޮސްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ. މި އެއްބަސްވުމަށް ދާން އިސްރާއީލަށް މަޖުބޫރުވީ ހަމާސްއާ ހަނގުރާމަ ކޮށްގެން އިސްރާއީލަށް އެއްވެސް ކާމިޔާބެއް ނުލިބުމުންނެވެ.