އަންނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލް މެޗު އެމެރިކާގެ މަޔާމީގައި ކުޅުމަށް ނިންމައިފިއެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ފައިނަލް މެޗުގެ އިތުރުން އެ މުބާރާތުގެ ފުރަތަމަ މެޗު ވެސް އެމެރިކާގައި ކުޅުމަށް ކޮންމެބޮލްއިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އެ ދެ މެޗު އެމެރިކާގައި ކުޅުމަށް ނިންމާފައިވީ ނަމަވެސް, އެއީ ސަރަހައްދުން ބޭރު ގައުމެކެވެ.
އަންނަ އަހަރުގެ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 20ގައި އެމެރިކާ ކުލަބު އެޓްލާންޓާ ޔުނައިޓެޑުގެ ދަނޑު، މާސެޑީޒް ބެންޒް ސްޓޭޑިއަމްގައެވެ. އަދި، ޖުލައި 14ގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަޔާމީގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.
އެ ޚަބަރު އެންމެ ހާއްސަވެގެންދާނީ މި ވަގުތު އިންޓަ މަޔާމީއަށް ކުޅެމުންދާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށެވެ. އާޖެންޓީނާ ޓީމާ އެކު އޭނާ ކޮޕާ އެމެރިކާއަށް ނުކުންނާނީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި، މި ވަގުތު ދުނިޔޭގެ ޗެމްޕިއަނަކީ ވެސް އާޖެންޓީނާއެވެ.
ކޮންމެބޮލްގެ އެ ނިންމުން އިއުލާންކުރުމަށް ފަހު، އެ ފެޑެރޭޝަންގެ ރައީސް އަހެހަންޑްރޯ ޑޮމިންގޭޒް ވިދާޅުވީ އެމެރިކާގެ ސްޓޭޑިއަމްތައް ފުރާލައި، ތާރީޚީ ފައިނަލެއް ފެންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި މުބާރާތުގެ ފުރަތަމަ މެޗާއި ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމްތަކަކީ ރީތި ސްޓޭޑިއަމްތަކެއް ކަމަށެވެ.
އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ 2021ގެ ފައިނަލުގައި އާޖެންޓީނާ ވަނީ ވާދަވެރި ބްރެޒިލް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއީ، 1993 ވަނަ އަހަރު ފަހުން އާޖެންޓިނާއިން އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް 1921 ވަނަ އަހަރުން ފެށިގެން 15 ތަށި ހޯދައި، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އާޖެންޓީނާއެވެ.