ހަޒާޑަށް ސައުދީން ހަފުތާއަކު އެއް މިލިއަން ޕައުންޑު ލިބޭ ހުށަހެޅުމެއް ލިބުނު!

ބެލްޖިއަމް ލެޖެންޑް އެޑެން ހަޒާޑް -- ފޮޓޯ/ ގެޓީ

ރިޓަޔާކުރަން ނިންމާފައިވަނީ ސައުދީ އަރަބިއާއިން ބޮޑު މުސާރައެއް ލިބޭގޮތަށް ހުށަހެޅުމެއް ލިބިފައި އޮއްވައި ކަމަށް ބެލްޖިއަމް ލެޖެންޑް އެޑެން ހަޒާޑް ބުނެފިއެވެ.

ޗެލްސީ ލެޖެންޑް ހަޒާޑްގެ 16 އަހަރުގެ ކެރިއަރަށް ނިމުމެއް ގެނެސްފައިވާކަން އިއުލާންކުރީ މިދިޔަ މަހުއެވެ. އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ރެއާލް މެޑްރިޑުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ ހަޒާޑް އެ ކްލަބުގައި ހޭދަކު ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޓީމަށް ކުޅެފައިވަނީ 76 މެޗެވެ.

ފިޓްނަސް މައްސަލަތަކަކާ ކުރިމަތިވެ، ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ހަޒާޑަށް ސައުދީގެ ކްލަބުތަކުން ބޮޑެތި ހުށަހެޅުންތަކެއް ލިބުނު ކަމަށް އޭނާއާ އެކު ކުރިން ޗެލްސީއަށް ކުޅުނު ޖޯން އޮބި މިކެލް ވެސް ވަނީ ބުނެފައެވެ. އަދި، އެކަމާ ގުޅޭގޮތުން ހަޒާޑް ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ރިއޯ ފާޑިނަންޑްގެ "ވައިބް ވިތު ފައިވް" ޕްރޮގްރާމުގައި އިިތުރަށް ވާހަކަދައްކައިފައެވެ.

"އަހަރެން ސައުދީ އަރަބިއްޔާއަށް ގޮސް، ހަފުތާއަކަށް އެއް މިލިއަން ޕައުންޑް ނަގައިގެން ދެން އޮންނާނީ ވަކި ކޮން ކަމެއް؟ އަހަރެންނަށް ސައުދީން ދެތިން ހުށަހެޅުން ލިބުނު. އަހަރެންގެ އަތުގައި ފައިސާ އެބަހުރި. އަދި އަހަރެންނަކީ އެހާ ވަރަށް ފައިސާ ހަރަދުކުރާ މީހެއް ވެސް ނޫން. އެހެންވީމާ އާއިލާއާ އެކު ދިރިއުޅެން އަހަރެން އަތުގައި ފައިސާ އެބަހުރި،" އުމުރުން 32 އަހަރުގެ ހަޒާޑް ބުންޏެވެ.

ރެއާލަށް ގުޅުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. ޗެލްސީގައި އޭނާ ވަނީ ދެ ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން ދެ ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް