ރޭ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ދެ މީހުންގެ ތެރެއިން، އެކަކަށް އައިސީޔޫގައި އަދި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭޑީކޭއިން މިއަދު ބުނެފިއެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ކާރަކާއި ތިން ސައިކަލު ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. މި އެކްސިޑެންޓުގައި ތިން މިހަކަށް ވަނީ އަނިޔާވެސް ވެފައެވެ. އޭގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ވެސް ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުން ވަނީ ފަރުވާ ދިނުމަށްޓަކައި އެ ވަގުތު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފަހުން އޭގެ ތެރެއިން ދެ މީހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ ދެ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ދެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.
މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ސައިކަލުތަކުގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހަކު ވަނީ 'ސަން' އަށް މައުލޫމާތު ދީފައެވެ.
މާލެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފައެވެ.