ވިމެން ސުޕާ ލީގުގައި މެންޗެސްޓާއަށް ނިސްބަތްވާ ދެ ކުލަބުކަމަށްވާ މެންޗެސްޓާ ސިޓީ ވިމެން އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުން ސިޓީއިން ކާމިޔާބުކޮށްފިއެވެ.
މި މެޗު ސިޓީއިން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު، މިމެޗުގައި ގިނައިރު ޔުނައިޓެޑުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނައިން ހަމަލާ އުފައްދައިފައިވަނީ ސިޓީއިންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ލީޑު ނަގައިފާވަނީ ޔުނައިޓެޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެއިޓީ ޒެލެމްއެވެ.
މި މެޗުގައި ސިޓީއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 34 ވަނަ މިނެޓްގައި ޖިލް ރޫޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޯރެން ހެމްޕްއެވެ.
އޭގެ މިނެޓެއް ފަހުން ސިޓީއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.
މި މެޗުގައި ސިޓީގެ ފަހު ލަނޑު، 55 ވަނަ މިނެޓްގައި ޖަހައިދިނީ ހަދީޖާ ޝޯއެވެ.
މެޗުގެ 72 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑަކާއެކު ލެއިލާ އެލެގްޒެންޑާއަށް ރަތް ކާޑު ދެއްކުމާއެކު މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެފައިވަނީ ކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް މިކަމުގެ ފައިދާ ޔުނައިޓެޑަށް ނެގޭ ގޮތެއް ނުވިއެވެ.
މިކާމިޔާބާއެކު ސިޓީ ވިމެންއިން ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ޔުނައިޓެޑް ވިމެން މި މެޗުން ބަލިވުމުން 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަަނައަށްވަނީ ފަހަތަށް ގޮސްފައެވެ.
ފޯރިގަދަކޮށް ދިޔަ މި މެޗު ބަލައިލުމަށް 43،615 އަަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. މިއީ ޔުނައިޓެޑްގެ މެޗެއް ބަލާލުމަށް މިހާތަނަށް އެންމެ ގިނަ މީހުން ދަނޑަށް ވަން ފަހަރެވެ.