ގަވީއަށް އަނިޔާވެ، ސީޒަން ނިންމާލަން ޖެހުމުގެ ބިރު

ސްޕެއިން މިޑްފީލްޑަރު ގަވީއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ގަވީގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ، ސީޒަން ނިންމާލަން ޖެހުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

އުމުރުން 19 އަހަރުގެ ގަވީއަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި ރޭ ޖޯޖިއާއާ ދެކޮޅަށް ކުޅެ، 3-1ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން މެޗުގެ 26 ވަނަ މިނެޓުގައި ގަވީ ވަނީ ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގަވީގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުމާ ގުޅިގެން އޭނާއަށް ހަ މަހާއި އަށް މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެން ކަމަށްވާ ނަމަ، އޭނާއަށް ސީޒަންގެ ބާކީ ބައި ގެއްލިގެންދާނެއެވެ.

ގަވީއަކީ ސްޕެއިން އަދި ބާސާއަށް ވެސް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ބާސާއަށް މިހާތަނަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ގަވީ ވަނީ މި ސީޒަނުގައި އެ ކްލަބު ކުޅުނު ހުރިހާ މެޗަކުން ވެސް ފެނިގެން ގޮސްފައެވެ. އެހެންކަމުން އޭނާއަށް ސީޒަން ގެއްލިއްޖެ ނަމަ، އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހޭނީ ބާސާއަށެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ގަވީ އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުއެވެ. އެއަށް ފަހު މިހާތަނަށް ގައުމީ ޓީމަށް އޭނާ ކުޅުނު 26 މެޗުން ވަނީ ފަސް ގޯލު ކާމިޔާބުކޮށްފައެވެ. ސްޕެއިނަކީ އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވެފައިވާ ޓީމެކެވެ.

comment ކޮމެންޓް