ޔޫރޯ ކޮލިފައިން ގްރޫޕް ޖޭގައި ޕޯޗުގަލާއި އައިސްލޭންޑް ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފިއެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. އެއާއެކު މި ފަހަރުގެ ޔޫރޯ ކޮލިފައިން ޕޯޗުގަލް ނިންމައިލައިފައިވަނީ ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރިކޯޑަކާއެކުގައެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދައިފައިވަނީ ޕޯޗުގަލުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37ވަނަ މިނެޓުގައި ޖަހައި، ޕޯޗުގަލަށް ލީޑު ނަގައިދިނީ މެދުތެރެއަށް ކުޅޭ ބްރޫނޯ ފެނާންޑޭޒްއެވެ.
މިއީ އޭނާ މި ފަހަރުގެ ކޮލިފައިންގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މީގެ އިތުރުން މި ފަހަރުގެ ކޮލިފައިންގައި އޭނާ ވަނީ އަށް ލަނޑެއް ޖަހައިދިނުމުގައި އެސިސްޓު ވެސް ކޮށްދީފައެވެ.
މި މެޗުގައި ޕޯޗުގަލްގެ ދެވަނަ ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ޖަހައިދިނީ ރިކާޑޯ ހޯޓާއެެވެ. މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.
މި ކާމިޔާބީއާއެކު ޕޯޗުގަލް މި ފަހަރުގެ ކޮލިފައިން ނިންމާލީ ކުޅުނު 10 މެޗްވެސް ކާމިޔާބުކޮށް 36 ލަނޑު ޖަހައި، 30 ޕޮއިންޓާއެކުއެވެ. ޕޯޗުގަލް ކޮޅަށް ވަދެފައިވަނީ ދެ ގޯލެވެ.
އައިސްލަންޑް އުޅެނީ 10 ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ.