ބާސެލޯނާއަށް ކުޅުމަކީ ލިވަޕޫލުގެ ކޮލަމްބިއާ ތަރި ލުއިސް ޑިއާޒްގެ ހުވަފެނެއް ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ބާސާއިން ދަނީ ޑިއާޒް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ކޮލަމްބިއާގެ ޖަމާއަތަކުން ރަހީނުކޮށްފައި ބެހެއްޓުމަށް ފަހު މީގެ ހަފުތާއެއް ކުރިން މިނިވަންވި ޑިއާޒްގެ ބައްޕަ ލުއިސް މެނުއަލް ވެސް ވަނީ އެކަމާ ގުޅޭ ވާހަކަތަކެއް ވެސް ދައްކައިފައެވެ.
"ހަގީގަތަކީ ބާސެލޯނާގެ އެ ވާހަކަތަކުގެ މާ ބޮޑު ކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ޑިއާޒްއަކީ ބާސެލޯނާގެ ވަފާތެރި ސަޕޯޓަރެއް. އަދި އެ ކްލަބަށް ކުޅުމަކީ ވެސް އޭނާގެ ހުވަފެނެއް. ޕޯޓޯ އަދި ލިވަޕޫލުން އޭނާއަށް ދިން މަރުހަބާއަށް ހާއްސަ ޝުކުރެއް އަދާކުރަން،" 'ވިން ސްޕޯޓްސް'އަށް ދިން އިންޓަވިއެއްގައި ޑިއާޒްގެ ބައްޕަ ބުންޏެވެ.
ޑިއާޒްގެ ބައްޕަ ބުނީ އޭނާގެ ދަރި ޑިއާޒަކީ ވަރަށް ބުރަ މަސައްކަތެއް ކުރާ ކުޅުންތެރިއެއް ކަމަށާއި ބާސާގައި ވިދާލުމަށް ވެސް ޑިއާޒްއަށް އުނދަގޫތަކެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ބާސާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމުކަން ވެސް ޑިއާޒްގެ ބައްޕަ ފާހަގަކުރިއެވެ.
ލިވަޕޫލުގެ ޖާޒީގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ ޑިއާޒް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހު ބްރެޒިލް އަތުން 2-1ގެ ނަތީޖާއަކުން ކޮލަމްބިއާ މޮޅުވި މެޗުގައި ވެސް ދެ ގޯލު ކާމިޔާބުކޮށްފައެވެ. ކޮލަމްބިއާއާ އެކު ޑިއާޒް ދެން ނުކުންނަން ޖެހޭނީ ޕެރަގުއާއީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ޕެރަގުއާއީގައެވެ.