ކޯޕަރޭޝަނުން އެކަނި މީހުން ހައްޖަށް ފޮނުވަން މަޝްވަރާ ކުރަނީ

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު"ފޮތް ނެރެދެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ، ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މިއީ އަދި މުޅިން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

މި މަޝްވަރާތައް ކުރެވުމުގެ ސަބަބަކީ، ހައްޖަށް ގެންދިއުމުގެ ނަމުގައި ކުންފުނިތަކުން ރައްޔިތުންގެ އަތުން މާގިނައިން ފައިސާ ނަގާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހަތްދިހަ ފަސްހާހަށް ޕްރޮޕޯސަލްގައި ޖަހައިގެން ނުވަތަ އަސްޑިހަފަސްހާސް ނުވަތަ ނުވަދިހަ ހާސް ވެސް ޖަހައިގެން ބިޑް ކާމިޔާބު ކުރެވިދާނެ. އެކަމަކު ދެން ރައްޔިތު މީހާއަތުން އިތުރު 50 ހާސް ނަގަންޖެހުނީމަ އެއީ ވަރަށް ބޮޑު ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ރައްޔިތުންނަށް ގެއްލުންވާގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެކަމަށް އޮތް ހައްލަކީ ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދިނުން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އުމްރާއަށް މީހުން ފޮނުވުމުގެ ފުރުސަތު ހުރިހާ ގްރޫޕުތަކަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކުން ހައްޖު ކޯޓާ ރައްޔިތުންނަށް ވިއްކަނީ ކަމަށެވެ.

ޝަހީމް ވިދާޅުވީ، ހައްޖު ކޯޓާ ގިނައިން ހޯދުމުގެ މަޝްވަރާތައް ވެސް ކުރައްވާފައި ވާކަމަށެވެ. އެގޮތުން އިއްޔެ ސައުދީ އަރަބިއްޔާގެ ވަފުދާއެކު ބޭއްވެވި ބައްދަލުވުމުގައި އެކަމުގެ މަޝްވަރާތައް ކުރައްވާފައި ވާކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހައްޖު ކޯޓާ އަކީ ދިވެހި ސަރުކާރުގެ އަތްމަތީގައި އޮންނަ ކަމެއް ނޫން. އެހެން ގައުމަކުން ހަމަޖައްސާ އިންތިޒާމުތަކެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް