ޣައްޒާ (19 ނޮވެންބަރު 2023): ޣައްޒާއަށް އެއްގަމުން އަރައިގަނެގެން އުޅޭ ޔަހޫދީ އިސްތިއުމާރީ ބާރުތަކާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ޔަހޫދީ ސިފައިން ނުވަ މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
ހަމާސްގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑުން ނެރުނު ބަޔާނެއް ބުނާގޮތުން މި ނުވަ ސިފައިންގެ ތެރެއިން ހަތް ސިފައިން މަރައިލީ ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވި ޔަހޫދީ ސިފައިންގެ ބައިގަނޑަކަށް ދިން ހަމަލާތަކެއްގައި ކަމަށެވެ. އަނެއް ދެ މީހުން މަރައިލީ ޣައްޒާގެ މެދުތެރޭގެ އިމާރާތެއްގައި ޔަހޫދީންގެ ބައިގަނޑެއްގައި ހަރަކާތްތެރިވަނިކޮށް މުޖާހިދުންނާއި އެ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ.
އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ވަނީ ޣައްޒާގެ ކުރިމަތިލުންތަކުގައި އޮފްސަރުންނާއި ސިފައިން ހިމެނޭގޮތަށް ފާއިތުވި 24 ގަޑީއިރު ތެރޭގައި ޔަހޫދީ ސިފައިންގެ ނުވަ މީހަކު މަރުވެ 12 މީހަކު ޒަޚަމްވިކަމަށް އެއްބަސްވެފައެވެ. އަދި، ހިޒްބުﷲ ގެ ހަމަލާތަކުގައި ވެސް ޔަހޫދީ ސިފައިންގެ އެތައް ބަޔަކު އިއްޔެ ޒަޚަމްވިކަމަށް އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނެއެވެ.
އިސްރާއީލުގެ ބަޔާނުގައި ހަމާސްގެ މުޖާހިދުން ޝަހީދުކޮށްލި ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އަދަދު ހާމަކޮށްފައެއް ނުވެއެވެ. މުޖާހިދުންގެ ހަމަލާތަކުގައި މަރުވި މި ނުވަ މީހުންނާ އެކު މީގެ ތިން ހަފުތާކުރިން އިސްރާއީލުން ޣައްޒާގައި ފެށި އެއްގަމު އޮޕަރޭޝަންގައި މަރުވި ޔަހޫދީ ސިފައިންގެ އަދަދު 59 އަކަށް އަރާކަމަށް އިސްރާއީލުގެ އަސްކަރީ ބަޔާންތައް ބުނެއެވެ. ޔަހޫދީ އިސްރާއީލުން އިއްޔެ ވަނީ ޣައްޒާގައި ހުންނަ އދ. ގެ ސްކޫލެއްކަމަށްވާ ފާޚޫރާ ސްކޫލަށް ވައިގެ މަގުން ހަމަލާދީ 50 އަށް ވުރެގިނަމީހުން ޝަހީދުކޮށް 80 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލުމުގެ ގަތުލުއާންމެއް ހިންގާފައެވެ.
ޔަހޫދީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށް އަރައިގަނެ އެ ތަން ހަލާކުކޮށްލުމަށް ފަހު އިއްޔެ ވަނީ އެ ތަނުން ބަލި މީހުންނާއި ޑޮކްޓަރުން ވެސް ބޭރުކޮށް މަގުމަތި ކޮށްލައިފައެވެ. މި ކަމުގެ ސަބަބުން 12 މީހަކު މަރުވެފައިވާކަމަށް ޣައްޒާގެ ސަރުކާރުން ބުނެފައިވެއެވެ.
ޔަހޫދީ ސިފައިން ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ 12،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 30،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވީ ނަމަވެސް ހަމާސްގެ މުޖާހިދުންނާ އެއްގަމުން ކުރިމަތިލައިގެން ޔަހޫދީންނަށް އެއްވެސް ކާމިޔާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި، ހަމާސްއިން ހައްޔަރުކޮށްފައިވާ އަސީރުންގެ ތެރެއިން އެކަކު ވެސް މިނިވަން ކުރެވިފައެއް ނުވެއެވެ. މި އަސްކަރީ ނާކާމިޔާބީ ފޫބެއްދުމަށްޓަކައި އިސްރާއީލު ގެންދަނީ ގަތުލުއާންމުތައް ހިންގައިގެން ޣައްޒާގެ އާންމުން ހާހުން މަރަމުންނެވެ.