އަނިލް ކަޕޫރު ވިލެން އަކުން ކާމިޔާބު ވިޔަފާރިވެރިއަކަށް

ސަހާރާ އިންޑިއާ ޕަރީވާރުގެ ބާނީ ސުބްރަތާ ރޯއީ އަދި އެކްޓަރު އަނިލް ކަޕޫރު

ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް ފިލްމު "އެނިމަލް"އިން ނުފޫޒު ގަދަ ވިލެންއެއްގެ ރޯލްއިން ފެންނާނެ އެކްޓަރު އަނިލް ކަޕޫރު ބައޮޕިކް އަކަށް ތައްޔާރު ވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމަކީ، އިންޑިއާގެ މަޝްހޫރު ސަހާރާ އިންޑިއާ ޕަރީވާރު ވުޖޫދަށް ގެނެސްދިން ބާނީ ސުބްރަތާ ރޯއީގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ވަރަށް ރަމްޒީ ބައޮޕިކް އެކެވެ.

މި މަހުގެ 14ވަނަ ދުވަހު ދުނިޔެ ދޫކޮށްފައިވާ ސުބްރަތާ ރޯއީގެ 75ވަނަ އުފަން ދުވަހާ ދިމާކޮށް "ސަހަރަސްރީ"ގެ ނަމުގައި މި ފިލްމު އިއުލާނު ކޮށްފައިވާއިރު މި ފިލްމު ޕްރޮޑިއުސް ކުރާނީ ސަންދީޕް ސިންގްއެވެ. އަދި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ސުދީޕްޓޯ ސެންއެވެ.

ސުދީޕްޓޯ ސެންއަކީ މި އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ވެސް ޑައިރެކްޓަރެވެ. އިންޑިއާގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ވިޔަފާރިވެރިޔާގެ ޙަޔާތުގެ މައްޗަށް އުފައްދާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދޭނީ އިތުރު ތަޢާރަފެއް ބޭނުން ނުވާ މިއުޒީޝަން އޭއާރް ރަޙްމާންއެވެ.

އަނިލް ކަޕޫރު އަދި ރަންބީރު ކަޕޫރު ފިލްމު "އެނިމަލް"ގެ ޕޯސްޓަރެއްގައި
އަނިލް ކަޕޫރު މި ބައޮޕިކަށް ސޮއިކުރިކަން ކަށަވަރު ވެފައި ނެތް ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެކްޓަރާއެކު މަޝްވަރާތައް ކުރެވެމުންދާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ބައޮޕިކާ މެދު އަނިލް ކަޕޫރުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ކުރީގެ ވިޔަފާރިވެރިޔާ ސުބްރާތާ ރޯއިގެ ދިރިއުޅުމުގައި ހިނގާފައިވާ ބައެއް ހާދިސާތަކާ މެދު އަނިލްގެ ކަންބޮޑުވުންތަކެއް ހުރިކަމުން އަނިލް ބޭނުން ވަނީ އެ ހުރިހާ ކަމެއްގެ ޙަޤީޤަތް ރަގަޅަށް ހޯދުމަށްފަހު ފިލްމާއެކު ކުރިޔަށްދާން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަނިލް ކަޕޫރު އެންމެ ފަހުން ފެނިފައިވަނީ އާއިލީ ފިލްމު "ޖުގް ޖުގް ޖިއޯ" އިންނެވެ.

comment ކޮމެންޓް