ހާލަންޑަށް އަނިޔާވެ، ސިޓީއަށް އުނދަގޫތަކެއް

މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

ނޯވޭ ފޯވަޑް އާލިން ހާލަންޑަށް އަނިޔާވެ، މެންޗެސްޓާ ސިޓީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އުމުރުން 23 އަހަރުގެ ހާލަންޑުގެ ފަޔަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު 2-0ގެ ނަތީޖާއަކުން ފެރޯ އައިލެންޑް އަތުން ނޯވޭ މޮޅުވި މެޗުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހާލަންޑަށް އަނިޔާވީ މެޗު ނިމެނިކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުނު ބޯންމައުތު އަތުން 6-1ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި ވެސް ހާލަންޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިގެން ފުރަތަމަ ހާފަށްފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ. ޔޫރޯ ކޮލިފައިންގެ މެޗުގައި ހާލަންޑުގެ ފަޔަށް އަނިޔާވެފައިވާކަން ނޯވޭ ގައުމީ ޓީމުގެ ޑޮކްޓަރު އޮލާ ސޭންޑް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

"އެއީ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުރިމަތިވީ އަނިޔާ. އޭގެ ކުރިން ވެސް ހާލަންޑަށް އެ އަނިޔާގެ މައްސަލައާ ކުރިމަތިވި. އޭނާއަށް އަނިޔާވީ މެޗުގެ ތެރެއިން ފައި އެނބުރުނު ގޮތަކުން. އެހެން ވެއްޖެ ނަމަ، ފުރަތަމަ ވަރަށް ބޮޑަށް ރިއްސުމަށްފަހު ވަރަށް އަވަހަށް އެ ތަދު ކެނޑޭނެ،" ނޯވޭ ގައުމީ ޓީމުގެ ޑޮކްޓަރު ބުންޏެވެ.

ނޯވޭގެ ޑޮކްޓަރު ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި ވާ ގޮތެއް ބަލައި، ހާލަންޑް ޖެހޭނީ ފަރުވާއަށް މަސައްކަތްތަކެއް ކުރަން ކަމަށާއި އެކަމާ ގުޅޭގޮތުން މިހާރު ސިޓީގެ ޑޮކްޓަރު މާރިއޯ ޕަފުންޑީއާ ވެސް ވާހަކަދައްކާފައިވާނެ ކަމަށެވެ.

ގައުމީ ޓީމުގެ މެޗުތަކަށްފަހު ސިޓީއާއެކު ހާލަންޑް ނުކުންނަން ޖެހޭނީ ލިވަޕޫލާ ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހު ކުޅޭ އިނގިރޭސި ޕްރިމިއާ ލީގު މެޗަށެވެ. އެ މެޗަށް ހާލަންޑް ފިޓުނުވެއްޖެ ނަމަ، ސިޓީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

comment ކޮމެންޓް