ކުރީގެ ރައީސް ޞާލިޙަށް އަދާކުރި އިޚްތިރާމުން ޣައްސާނަށް ތައުރީފު

ކުރީގެ ރައީސް ޞާލިހް ވަޑައިގެންނެވުމުން ޣައްސާން އިޙްތިރާމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން --

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ފަރާތުން ފެނިގެން ދިޔައީ ވެރިންނަށް ކިޔަމަންގަތުމާއި އިޙްތިރާމްކުރުމުގެ ރިވެތި ނަމޫނާ އެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ޖަލްސާއަށް ވަޑައިގެން އިށީންދެވަޑައިގަންނަވާ ގޮނޑިކޮޅާ ހަމައަށް ހިންގަވާ ވަޑައިގެންނެވި އިރު، ފެނިގެން ދިޔައީ ޖަލްސާ މާލަމުގައި ތިބި އެންމެން އިށީންދެ ތިބި ތަނެވެ. އިށީންދެ ތިބި ގޮތުން އެއްވެސް މީހަކަށް ރައީސް ވަޑައިގަންތައް ނުފެނުނީއެވެ.

ޣައްސާނަށް ވެސް ރައީސް ފެނިވަޑައިގަތީ އެ މަނިކުފާނުގެ ސެކިއުރިޓީ ޣައްސާނުގެ ފަހަތުން އައިސް އޭނާއާ ހަމަވުމުންނެވެ. އެއީ، ރައީސްގެ ސެކިއުރިޓީކަން އިނގުމުން އޭނާ ފަހަތަށް ބަލައިލިއިރު ރައީސް ޣައްސާނާ އަރާ ހަމަވެއްޖެއެވެ. ލިބުނު ސިހުމާ އެކު ދެވަނަ ވިސްނުމަކަށް ނުގޮސް އޭނާ ވަގުތުން ކޮޅަށް ތެދުވީ ކުރާ އިޙްތިރާމްގެ ސަބަބުންނެވެ.

މި މަންޒަރު މީހުންގެ ލޮލުގައި އަޅައިގަތެވެ. ކެމެރާތަކުގައި ރިކޯޑު ވެސް ވިއެވެ. ވަގުތުން ސޯޝަލް މީޑިއާގައި މި މަންޒަރު ދައުރުވާން ފެށިއެވެ. އެއާ އެކު އެތައް ބައެއް ތައުރީފު ޣައްސާނަށް އޮހެންފެށިއެވެ.

މިއީ މުޅި ރަސްމިއްޔާތުގެ ތެރެއިން ވެސް ފެނުނު އެންމެ ތަފާތު މަންޒަރު ކަމަށް މީހަކު މީސްމީޑިއާގައި ބުނެފައިވެއެވެ. އަދި، ދައުލަތުގެ ޝަރަފާއި ޤަދަރު ހިފެހެއްޓޭނީ ގައުމީވަންތަ ތަރުބިއްޔަތުގެ މަތީގައި ދަރީން ބަލައި ބޮޑުކުރުމުން ކަމަށާއި މިއީ އެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް އެ މީހާ ބުނެފައިވެއެވެ.

"ދަރީން ރަނގަޅަށް ތަރުބިއްޔަތު ކުރެވުނީމައި މި ކަހަލަ މަންޒަރު ފެނުމަކީ އާ ކަމަކަށް ނުވާނެ،" މީހަކު ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން އެހެން މީހަކު ބުނެފައި ވަނީ، ޣައްސާނުގެ ކިބައިން ފާހަގަވެގެން ދިޔައީ ވަރަށް ރީތި އަދަބު އަޚްލާގު ކަމަށެވެ. އަދި ޣައްސާނުގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އިބްރާހީމަށް ތައުރީފު ކުރައްވާ އެހެން މީހަކު ބުނެފައި ވަނީ، ހަމަ ޔަގީނުން ވެސް މިއީ ވަރުގަދަ މަންމައަކާއި ބައްޕައެއް ތަރުބިއްޔަތު ކޮށްފައިވާ ދަރިއެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ވެސް، ޣައްސާނަށް ތައުރީފުކޮށް މީހުން ބުނެފައި ވަނީ، ގައުމިއްޔަތަށް ޣައްސާންގެ ހިތުގައިވާ ލޯތްބާއި އިޙްތިރާމް ފެނިގެން ގޮސްފި ކަމަށެވެ.

ޣައްސާނަކީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ ލީޑާޝިޕް މެންބަރެކެވެ. މިރޭ ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް ޣައްސާން އައްޔަން ކުރައްވައިފައެވެ.

comment ކޮމެންޓް