ތަހުޒީބު މުޖުތަމައުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ޝުކުރުއަދާކޮށް، އާ ވެރިކަމަށް މަރުޙަބާ ކިޔުން: މައުމޫން

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

ތަހުޒީބު މުޖުތަމަޢުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުޙަބާ ކިޔުންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ، ކޮންމެ ޤައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ.

މައުމޫން މީގެ ކުރިން ވެސް ވަނީ ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބޭރުގެ ނޫހަކަށް އެންމެ ފުރަތަމަ ދެއްވި އިންޓަވިއުއަށް ވެސް ވަނީ ތައުރީފް ކުރައްވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މަގާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައި ގަންނަވާނެއެވެ.

ޑރ. މުއިއްޒުގެ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 7:45ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ބޭރުގެ ގިނަ ގައުމުތަކުގެ އިސް ވެރިން ވަނީ ރާއްޖެ ވަޑައިގެންފައެވެ.

comment ކޮމެންޓް