ޣައްޒާގައި ކެންސަރަށް ފަރުވާ ކުރާ މީހުން ތުރުކީއަށް

ކެންސަރަށް ފަރުވާ ހޯދާ ޣައްޒާގެ ބަލި މީހަކު ތުރުކީއަށް ދިއުމުން ސްޓްރޭޗާ ގައި ގެންދަނީ. ފޮޓޯ/އަހްރަމް އޮންލައިން

ޣައްޒާއިން މިސްރަށް ހުރަސްކުރި ފަލަސްތީނުގެ ކެންސަރު ބައްޔަށް ފަރުވާކުރާ ގިނަ ބަޔަކު ބުރާސްފަތި ދުވަހު ތުރުކީއަށް ހިގައްޖެއެވެ.

ކުޑަ ކުދިން ގިނައިން ހިމެނޭ ބަލި މީހުން ގޮވައިގެން ދަތުރުކުރި ދެ ބޯޓެއް، ތުރުކީގެ އަންކާރާ އެއާޕޯޓަށް ޖައްސާފައި ވަނީ އިއްޔެ މެންދުރެއްހާއިރެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަރުވާދިނުމަށް ދަތިވެފައިވާ ކެންސަރު ބަލީގެ މީހުން މިސްރަށް ދަތުރުކޮށްފައިވާއިރު، ވަގުތީ ހޮސްޕިޓަލްތަކާއި އެމްބިއުލާންސްތަކާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތަކެތި ލޯޑްކޮށްފައިވާ ބޯޓެއް ތުރުކީން ވަނީ މިސްރަށް ފޮނުވައިފައެވެ.

ތުރުކީގެ ސިއްހަތާ ބެހޭ ވަޒީރު ފަހްރެތިން ކޯޗާ ހަވާލާދީ އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްރުން 27 ބަލި މީހަކު 13 އެހީތެރިންނާ އެކު ވަނީ ތުރުކީއަށް ގެންގޮސްފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކޯޗާ މީގެ ކުރިން ވަނީ މިސްރަށް ވަޑައިގެންފައެވެ.

ޣައްޒާއަށް ފޯރުކޮށްދޭ ވަގުތީ ހޮސްޕިޓަލް ފޯރުކޮށްދިނުމަށް މިސްރުން ރަފަޙް ބޯޑަރު ހުޅުވާލާނެ ވަގުތަކަށް މަޑުކޮށްގެން އޮތް ކަމަށް ވެސް ކޯޗާ ވިދާޅުވިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ތުރުކީން އަންނަނީ ވަރަށް ކުރީއްސުރެ ވެސް ފަލަސްތީނަށް ތާއީދުކުރަމުންނެވެ. ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ދޭ ބަހުގެ ހަމަލާތައް ތުރުކީން ވަނީ އިތުރުކޮށްފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 12،000 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށް އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ސަރަހައްދުތަކުގައި އުޅޭ އިސްރާއީލުންގެ ވަޒަންވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް