ކޮމިޓީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

މިއަދު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އިސްލާހަކާ އެކު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ކޮމެޓީއަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފެވެ. ޝަރީފްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ސަލީމެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން ރިކަރަންޓް ޚަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރާނެއެވެ. އަދި، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފައެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ކެޕިޓަލް ޚަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ޚަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

comment ކޮމެންޓް