މުއިއްޒުގެ 100 ދުވަސް: އައިވީއެފް ފަރުވާ އާސަންދައިން ދޭން ފަށަނީ

ޑރ. މުޙައްމަދު މުއިއްޒު ކެމްޕެއިނުގައި ތުއްތު ކުއްޖަކު އުރައިގެން-- ފޮޓޯ: މުއިއްޒު ކެމްޕެއިން ޓީމް

އަންނަ ހުކުރު ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފްތިތާހް ކޮށްފައިވާއިރު އޭގައި ބުނެފައިވަނީ އެ ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އޭގެ އިތުރުން "އެންޑޮމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ޚާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެކަން ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައި ކުރުމަށް ވަނީ ނިންމައިފައެވެ.

މިހާރު އެ ފަރުވާތައް އާސަންދައަކުން ނުލިބެއެވެ. ދަރިމައިވުމަށް ހޯދާ ފަރުވާއަކީ ވަރަށް ހަރަދު ބޮޑު ފަރުވާއެކެވެ.

ހަމައެހެންމެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުން ވެސް ޕްލޭންގައި ހިމެނެއެވެ.

ސިއްހީ އެހެން ކަންކަމަށް ބަލާއިރު ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެއާ އެމްބިއުލާންސް ތައާރަފު ކުރުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. ހަމައެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސް ކަމުގައި ހެދުމަށް ސިޔާސަތެއް ކަނޑައެޅުން ހިމެނެއެވެ.

ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ކޮންމެ ދިވެއްސަކަށް އަހަރަކު ދެ ފަހަރު އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕް ލައިނެއް ހަދަން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް