ޖަރުމަނު ބުންޑަސްލީގާގެ ޔޫނިއަން ބާލިންގެ ކޯޗު ކަމުން އާސް ފިޝާ ވަކިވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަގާމުން ވަކިވެފައި ވަނީ ކްލަބާއި އޭނާއާ ދެމެދު ވާހަކަ ދެއްކުމަށް ފަހު ދެ ފަރާތުން އެއްބަސްވެގެންނެވެ.
އުމުރުން 57 އަހަރުގެ ފިޝާ ޔޫނިއަން ބާލިންގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2018 ވަނަ އަހަރުއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޔޫނިއަން ބާލިން ވަނީ ފުރަތަމަ އަހަރު ޖަރުމަނު ބުންޑަސްލީގާއިން ޖާގަ ހޯދައިފައެވެ. އަދި، މިދިޔަ ފަސް ސީޒަންގައި ވެސް އޭނާގެ ކޯޗުކަމުގެ ދަށުން ޔޫނިއަން ބާލިން އަންނަނީ ރަނގަޅު ކުޅުމެއް ލީގުގައި ދައްކަމުންނެވެ. މިދިޔަ ތިން ސީޒަންގައި ވެސް ޔޫނިއަން ބާލިން ވަނީ ޔޫރަޕްގައި ވާދަކޮށްފައެވެ.
އެ ކްލަބްގެ އެންމެ ފާހަގަ ކޮށްލެވޭ އަހަރެއްގެ ގޮތުގައި ބެލެވިގެންދަނީ މިދިޔަ ސީޒަނެވެ. މިދިޔަ ސީޒަންގެ ވަކި ހިސާބެއްގައި ޔޫނިއަން ބާލިން ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ބުންޑަސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ވެސް ދުވަސްކޮޅެއް ހޭދަކޮށްފައެވެ. އަދި، ސީޒަން ގަދަ ހަތަރެއްގައި ހިމެނިފައެވެ. މި ސީޒަންގައި އަންނަނީ ކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއޭފާ ޗެމްޕިއަންސް ލީގުގައި ވާދަ ކުރަމުންނެވެ.
ނަމަވެސް މި ސީޒަންގައި އެ ކްލަބުގެ ކުޅުން އެހާ ރަނގަޅެއް ނޫނެވެ. މި ސީޒަންގައި މިހާތަނަށް 11 މެޗު ކުޅުނު އިރު އެ ޓީމު އޮތީ ޕޮއިންޓު ތާވަލުގެ އެންމެ ފުލުގައެވެ.
ޔޫނިއަން ބާލިންގެ ރައީސް ޑާކް ޒިންގްލާ ހާމަކުރި ގޮތުގައި މިއީ އޭނާގެ އިތުރުން މުޅި ޔޫނިއަން އާއިލާއަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. އަދި، މި ސީޒަންގައި ކްލަބަށް ދިމާވެފައިވާ އަޑިގަނޑުން އަރައިގަނެވޭގޮތް ނުވާތީ އަސަރު ކުރާ ކަމަށް އޭނާ ބުންޏެވެ.
ފިޝާ ކްލަބާއި ވަކިވެގެން ދަނީ ޔޫނިއަންގެ ގާތް ރައްޓެއްސެއްގެ ގޮތުގައި ކަމަށާއި އޭނާއަށް އެ ކްލަބްގެ ދޮރު އަބަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށް ޒިންގްލާ ބުންޏެވެ. މި ސީޒަންގައި ޔޫނިއަން ބާލިން ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކުރި ނަމަވެސް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ވަނީ ބަލިވެފައެވެ.