ޣައްޒާ (15 ނޮވެންބަރު 2023): ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމާއި ނަސްލު ނައްތައިލުމުގެ ޖަރީމާތައް ހިންގާ ޔަހޫދީ ސިފައިން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލަށް ހަތިޔާރާ އެކު އަރައިގަނެ އެ ހޮސްޕިޓަލްގެ ތެރޭގައި ބަޑިހިފައިގެން ބަލި މީހުންނަށް ހަމަލާދެމުން ގެންދިޔަ ނަމަވެސް އެ ތަނުން ހަމާސް ޖަމާއަތުގެ އެއްވެސް ހަނގުރާމަވެރިއަކު (މުޖާހިދަކު) ފެނިފައިނުވާ ކަމަށް އިސްރާއީލުގެ މީޑިއާ ބުނެފިއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނާގޮތުން އައްޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރު ހުންނަކަމަށް ބުނެ އެ ތަނަށް ބޮން އަޅައި ޓޭންކުން ހަމަލާދީ މުޅިތަން ފުނޑާލުމަށް ފަހު، އެންމެ ފަހުން ޓޭންކުން ޖައްސައި ދޮރުތައް ވައްޓާލުމަށް ފަހު އެ ތަނަށް އިސްރާއީލު ސިފައިން ވަދެގަތުމުން ވެސް ހަމާސްގެ ހަނގުރާމަވެރިއަކު (މުޖާހިދަކު) މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޣައްޒާގެ އުތުރު ސަރަހައްދުގައި ހުންނަ އައްޝިފާ ހޮސްޕިޓަލަކީ ހޮސްޕިޓަލް އެކުވެންޏެކެވެ. ހަ އިމާރާތް އެކުލެވޭ ޓާޝިއަރީ ބޮޑު ހޮސްޕިޓަލެކެވެ. އެ ތަނަށް އިސްރާއީލު ސިފައިން ހަތިޔާރާ އެކު އަރައިގަނެ އެ ތަން ހަނގުރާމައިގެ މައިދާނަކަށް ހަދާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ޔަހޫދީ ޓެރަރިސްޓް ބާރުތައް އެ ތަނަށް ވަދެގަތީ ކަރުނަ ގޭސް ވަރުގަދައަށް ޖަހައި ދުންބޮމުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
އަލްޖަޒީރާއިން ބުނާގޮތުން ޔަހޫދީ އިސްތިއުމާރީ ސިފައިން އައްޝިފާ ހޮސްޕިޓަލަށް ވަދެގަތުމަށް ފަހު ހޮސްޕިޓަލުގައި އެކި ތަންތަން ޗެކުކޮށް ބޭސްމަންޓްތަކާއި ކާރުތައް ޕާކުކުރާ ތަންތަނާއި އެ ހަ އިމާރާތުގެ ހުރިހާ ތަނެއް ބަލައި ފާސްކުރިއެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ވެސް އަދި އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެސް އެއްވެސް މުޖާހިދަކު ފެނިފައެއް ނުވެއެވެ. އަދި, އެދެ ޖަމާއަތުގެ ކޮމާންޑް ސެންޓަރެއް ކަމަށް ބެލެވޭ ތަނެއް ވެސް ފެނިފައެއް ނުވެއެވެ.
ޔަހޫދީ ޓެރަރިސްޓް ސިފައިން އައްޝިފާ ހޮސްޕިޓަަލަށް ހަތިޔާރާ އެކު ވަދެގަނެ ހަމަލާތަކެއް ވެސް ދިނެވެ. ނަމަވެސް ހަމަލާތައް ދިނީ އެ ތަނުގެ ބައެއް ބަލިމީހުންނަށާއި މުވައްޒަފުންނާއި އަދި އެ ތަނުން ރައްކާތެރިކަން ހޯދައިގެންތިބި އާންމުންނަށެވެ. އައްޝިފާ ހޮސްޕިޓަލަށް އަރައިގަތުމުގެ ކުރިން ޔަހޫދީ ބާރުތައް ތިބީ ޓޭންކްތަކުގައި އެ ތަން ވަށާލައި ހިސާރުކޮށްގެންނެވެ.
ޔަހޫދީ ޓެރަރިސްްޓް ސިފައިން އައްޝިފާ ހޮސްޕިޓަލަށް ވަދެގަތުމުގެ ކުރިން އެ ތަނުން ބަލި މީހުން ނެރުމަށާއި ޑޮކްޓަރުންނާއި ނަރުހުން ބޭރުވުމަށް ވަރުގަދަ އިންޒާރުތަކެއް ދިން ނަމަވެސް އެ ހޮސްޕިޓަލުން އެ ކަމަށް އިޖާބައެއް ނުދިނެވެ. ބަލި މީހުން ވެސް އަދި ޑޮކްޓަރުންނާއި ނަރުހުން ވެސް ނުނިކުތެވެ.
ދެން އެ މީހުން ނެރުމަށްޓަކައި ދުންބޮން އަޅައި ކަރުނަގޭސް ބޭނުންކުރީއެވެ. މި ހުރިހާ ބިރުދެއްކުންތަކާ އެކު ވެސް އެ ހޮސްޕިޓަލުން ނުކުމެފައިވަނީ ވަރަށް މަދު ބައެއް ކަމަށް ޣައްޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ވާއިލުއްދަހްދޫހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީ ސިފައިން އައްޝިފާ ހޮސްޕިޓަލުގައި ބަޑި ހިފައިގެން ބަލި މީހުންނަށް ބިރުދައްކަމުން ގެންދާއިރު ވެސް އެ ތަނުގައި މަދުވެގެން 700 އެއްހާ ބަލި މީހުން އަދިވެސް އެބަތިއްބެވެ. އެ މީހުން ތިބީ ކާނެއެއްޗެއް ބޯނެއެއްޗެއް ނެތިއެވެ. އެ މީހުންގެ ކައިރިން ޔަހޫދީ ސިފައިން ސުވާލުކުރަމުން ގެންދަނީ ހަމާސްގެ މުޖާހިދުން ތިބި ތަނެއް ބުނެދިނުމަށެވެ.
ހަމާސްގެ މުޖާހިދުން އެތާގައި ތިބިކަން ނޭންގޭކަމަށް ބުނުމުން ބައެއް ބަލި މީހުންނަށް ޔަހޫދީ ސިފައިން ބިރުދައްކައި ބޮޑެތި އަނިޔާތަކެއްކޮށް ލާއިންސާނީ އަމަލުތަކެއް ހިންގަމުން ގެންދާކަން ވެސް ވާއިލުއްދަހްދޫހު ފާހަގަ ކުރެއްވިއެވެ.
ޔަހޫދީ ސިފައިން އައްޝިފާ ހޮސްޕިޓަލަށް އެޅި ބޮންތަކާއި ޓޭންކާއި ބޮޑުބަޑިން ދިން ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ބަލި މީހުންނެވެ. ދެން އެ ތަނުގައި ރެފިއުޖީންގެ ގޮތުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނެވެ. ދެން ޑޮކްޓަރުންނާއި ނަރުހުންނެވެ. އެ ހަމަލާތަކާ އެކު އައްޝިފާ ހޮސްޕިޓަލް ވަނީ ގަބުރުސްތާނަކަށް ބަދަލުވެފައިކަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯއިން ވަނީ މީގެ ތިން ދުވަސް ކުރިން އިއުލާނުކޮށްފައެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާ ހިސްޕިޓަލުން ޝަހީދުކޮށްލި މީހުން ވަޅުލީ ވެސް އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި ބޮޑު ވަޅުގަނޑެއް ކޮނުމަށް ފަހުގައެވެ. ގިނަ ހަށިތައް ވަނީ ކުނިވެފައެވެ. ޝަހީދުކޮށްލި މީހުން ވަޅުލުމުގެ ފުރުސަތު ދިނުމަށް ވެސް ޔަހޫދީން ސިފައިން ދެކޮޅުހެދިއެވެ. އެންމެ ފަހުން އެ މީހުން ވަޅުލީ ވެސް ބަޑީގެ ހަމަލާތަކުގެ ތެރޭގައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގެ ބޭނުމަކީ ޣައްޒާއަކީ އެ ތަނުގެ އާންމު ރައްޔިތުންނަށް ދިރިނޫޅެވޭ ތަނަކަށް ހެދުންކަމަށް ވަނީ ބެލެވިފައެވެ. އިސްރާއީލު ބޭނުންވަނީ އިސްރާއީލުގެ ރައްކާތެރިކަމަށް އޮންނަ ބަފަޒޯނަކަށް ޣައްޒާ ހެދުމެވެ. އިސްރާއީލުގެ ހަގީގީ ބޭނުމަކީ ހަމާސްއާ ހަނގުރާމަ ކޮށްގެން ހަމާސްގެ އަތްދަށުގައިވާ ޔަހޫދީ އަސީރުން މިނިވަންކުރުން ކަމަށް ވެސް މިހާރު ނުބެލެވެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 11،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު 30،000 އަށް އަރާއިރު ބޮމުގެ ހަމަލާތަކުގައި ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުވެފައި 3،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
ޣައްޒާއަށް އަރައިގަނެގެން އުޅޭ ޔަހޫދީ ބާރުތައް ވަނީ ހަމާސްގެ އަތްދަށުން އެއްވެސް އަސީރަކު މިނިވަންކުރުމުގައި ނާކާމިޔާބުވެފައެވެ. އަދި، ހަމާސްއާއި މުޖާހިދުންގެ އެހެން ޖަމާއަތްތަކުގެ ހަމަލާތަކުގައި ޔަހޫދީ ބާރުތަކުގެ 45 މީހަކު ވަނީ ފާއިތުވި ދެ ހަފުތާގައި މަރުވެފައެވެ.