މުއިއްޒު ހުވާކުރައްވާ ހަފުލާއަށް ބައިޑަންގެ ޚާއްސަ ވަފުދެއް ވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން --

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރައްވާ ޚާއްސަ ހަފުލާގައި ބައިވެރިިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެ ވަފުދުގެ މެންބަރުން ރައީސް ބައިޑެންވަނީ އިއްޔެ އިއުލާން ކުރައްވައިފައެވެ.

އެމެރިކާގެ ވައިޓް ހައުސުން ބުނީ އެ ވަފުދުގައި ހިމެނޭނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި، ސްޕެޝަލް އެސިސްޓެންޓް ޓު ދި ޕްރެޒިޑެންޓް އެންޑް ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ، ނެޝަނަލް ސެކިއުރިޓީ، ސާރާ ލެޑިސްލޯއެވެ.

މި ވަފުދުގައި އިސްކޮށް ހުންނަވާނީ އެ ގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަަވާއެވެ.

ރާއްޖެއިން ޚާރިޖީ ގުޅުންތައް ބާއްވަމުން އަންނަ ބޮޑެތި ގައުމުތަކުން އަންނަނީ އެ ގައުމުގެ ވެރިންގެ ފަރާތުން ޚާއްސަ މަންދޫބުން މި ހަފުލާގައި ބައިވެރިވުމަށް ޓަކައި ފޮނުވަމުންނެވެ.

އެގޮތުން ޗައިނާއިން، އެ ގައުމުގެ ރައީސް ޝީޖިން ޕިންގެ ފަރާތުން ފޮނުއްވަނީ ރައީސްގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ.

އިންޑިއާ ސަރުކާރަށް ވެސް ހުވައިކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު ވަނީ ފޮނުވައިފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވައިކުރައްވާނީ މި ހުކުރު ދުވަހުގެ ހަވީރެވެ.

comment ކޮމެންޓް